ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލު ރައީސް ތަސްދީޤުކުރައްވައިފި

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ދެގުނަ ބޮޑުކޮށް، ޓީޖީއެސްޓީ ވެސް 17 އިންސައްތަ އަށް މަތިކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ގްރީން ޓެކްސް ބޮޑުކުރުމަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ފާސްވީ 71 މެމްބަރުންގެ ވޯޓާ އެކު އެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 8 މެމްބަރުން ވޯޓު ދެއްވި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ 50 އަށް ވުރެ މަދު ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސް އަށް ނަގާ އަދަދު ތިން ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުމަށެވެ. 50 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ އަދަދުވެސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ޓެކްސް ބޮޑުކުރުމަށެވެ.
ސަރުކާރުން އަންދާޒާ ކުރަނީ، މި ބިލު ތަންފީޒުވުމާ އެކު ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 963.6 މިލިއަން ރުފިޔާއިން އިތުރުވާނެ އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ކުޑަކުރަން ބާރު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގަ އެވެ. އެ ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖޫން ފެށިގެން ޓީޖީއެސްޓީ 17 އިންސައްތަ އަށް ބޮޑުކުރުމަށެވެ. މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަނީ 16 އިންސައްތައިގަ އެވެ.
މި ބިލު ފާސްކުރުމަށް ވޯޓު ދެއްވީ 70 މެމްބަރުން ނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 8 މެމްބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މި އިސްލާހާއެކު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 201.9 މިލިއަން ރުފިޔާއިން އިތުރުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ