ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދުކުރުމެއް ނޯވޭ: ޑރ. ޝަހީމް

ދީނުގެ ކަންކަމުގައި ޢަމަލުކުރައްާން ވާނީ ދީނުގައި އޮންނަ އެންމެ ރަނގަޅު ގޮތަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުމާ ގުޅޭ ގޮތުން ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އިސްލާމްދީނުގެ ޖުމުހޫރު ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދުކުރުން ނޯންނަކަމަށާއި އެ ގޮތަށް ކަށުނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއްކަމަށެވެ. އަދި އެ ކަމަކީ ޖާއިޒުކަމަށް ދެކޭ އިލްމުވެރީން ވެސް ވިދާޅުވަނީ އެއީ ވާޖިބުކަމެއް ނޫންކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދީނުގެ ކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރާންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށްކަމަށާއި ޢަމަލުކުރާން ވާނީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށްކަމަށެވެ.
"އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށުނަމާދުކުރައްވައިފައެއް ނުވެއެވެ. އެ ހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގަތެވެ. ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަކަށް ވެސް ވަޅުފުޅުލުމުގެ ކުރީން ކަށު ނަމާދުކުރައްވައިފައެއްނުވެއެވެ." ވަޒީރު ވިދާޅުވިއެވެ.
ހަމައެއާ އެކު ޝަހީދުން ވަޅުލަނީ ނުހިނަވައި އެ މީހުންގެ ލެއާ އެކުގައިކަމަށާއި ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުން ނުވާކަމަށާއި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ