ކޯޓުން މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓާނަން: އީވާ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކުރި ފަހުން އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ ސަލާމުގައި ހުންނެވުމަށް ފަހު އީވާ އިއްޔެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުބޭއްވޭތީ އެކަން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ ކޯޓުން އެކަމުގައި ގޮތެއް ކަނޑައެޅުން މުހިންމު ކަމެއް ކަމަށް އެ ޕާޓީއިން ދެކޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ކޯޓުގައި މައްސަލައެއް ހިނގަމުން ދަނިކޮށް އޭގެ ނަތީޖާއަށް ހިޔަނި އެޅޭފަދަ ގޮތަކަށް މަޖިލީހުން އަމަލު ކުރުމަކީ ކޯޓުގައި ހިނގާ މައްސަލައަށް ނުފޫޒުތަކެއް ކުރިމަތިވާނޭ ކަމެއް ކަމަށް ދެކޭ ކަމަށް އީވާގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
"ވީމާ، ގާނޫނުއަސާސީގެ މަފްހޫމަށް ބަލައި ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގެ، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި އެއްބާރާއި އަނެއްބާރު ދެމެދުގައި އޮންނަންޖެހޭ އިހުތިރާމް ކުޑަނުވާނެގޮތަށް ނުވަތަ އަރައިރުން ނުވާނެގޮތަށް އަމަލުކޮށް، ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަސައްވުރަށް ހިޔަނިނޭޅުމުގެ ގޮތުން، ސުޕްރިމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ،" ސިއްހީ ސަބަބަކާ ހުރެ ޖަލްސާތަކަށް ހާޒިރުނުވެވޭތީ އެކަމާ ހިތާމަކުރައްވާ ކަމަށް ލިޔުއްވަމުން އީވާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ފާހަގަކޮށްލެވޭ - ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަސް ވަނަ ފަހަރަށް މިއަދުގެ ޖަލްސާ އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ވެސް ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. ނަޝީދުގެ މައްސަލަ އެޖެންޑާކުރި ފަހުން އީވާ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ހުރިހާ މަސައްކަތެއްހެން ވަނީ ހުއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ