މެމްބަރު ޝިޔާން ޗައިނާ މީހުންނާ ނަސްލީ ގޮތުން ދިމާކުރުމުން ހުއްޓުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާ މެމްބަރު ހަސަން ޝިޔާން ޗައިނާ މީހުންނާ ނަސްލީ ގޮތުން ދިމާކުރުމުން އެކަން ރިޔާސަތުން ހުއްޓުވައިފި އެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔަ "ނާޗަރަންގީ ޖަގަހަ" ގާއިމުކުރުމާ ގުޅޭ ނުވަތަ ހާސްކަމެއް ނެތި ޒުވާނުންނަށް މިއުޒިކާ އެކު މަޖާކުރުމުގެ މަރުކަޒެއް ގައިމުކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގެ ތެރެއިން މާވަށު ދާއިރާގެ މެމްބަރު އަހްމަދު ސައީދު ވާހަކަ ދައްކަވަނިކޮށް، ނިޒާމީ ނުކުތާއެއް ނަންގަވައި ޝިޔާން ވަނީ ޗައިނާ މީހުންނާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ކުރި ލޮނުޒިޔާރަތް ޕާކްގައި ކުޑަކުދިންނަށް ވިނަގަނޑު މައްޗަށް ނޭރޭ ކަމަށެވެ. "ހަމައެކަނި ކުޑަކުދިންނަށް އޮންނަނީ އެ ހަނި މަގުން ހިނގާލުން. ވިނަގަނޑުމައްޗަށް އެރުމުގެ ފުރުސަތު ވެސް ނުދޭ،" ސައީދު ވިދާޅުވި އެވެ. އެކަން ދޮގު ކުރައްވައި، ޝިޔާން ވިދާޅުވީ، އޭނާގެ ދަރިން ގޮވައިގެން މިދިޔަ ހަފްތާގައި ވެސް އެ ޕާކަށް ޒިޔާރަތް ކުރި ކަމަށާއި ކުޑަކުދިންނަށް ވިނަގަނޑުމައްޗަށް ވެސް އެރޭ ކަމަށެވެ. އަދި ސައީދު މިނިސްޓަރުކަން ކުރެއްވި މިދިޔަ ސަރުކާރުން ތަރައްގީކުރި ރަސްރަނި ޕާކްގައި ބެހެއްޓީ ޕްލާސްޓިކް ގަސްތައް ކަމަށް ޝީޔާން ވިދާޅުވި އެވެ. "ރައްޔިތުންނަށް ކޮންކަމެއްތޯ އޮޅުވާލަން ތިއުޅުއްވަނީ. ތިޔަ ވިދާޅުވާ ރަސްރަނި ބަގީޗާގައި ތިޔަ ބޭފުޅުން ގެނެސް ބެހެއްޓީ ޕްލާސްޓިކް ގަސް. ޗައިނާގެ ޕްލާސްޓިކް ގަސް ބެހެއްޓީ،" ސައީދަށް ރައްދުދެއްވައި ޝިޔާން ވިދާޅުވި އެވެ. "ޗައިނާގެ ކުދި ކުދި ލޯ ހުންނަ މީހުންނަށް ދައްކާކަހަލަ އެއްޗެހި މިތާގައި އަޅުގަނޑުމެންގެ ދަރިންނަށް ދައްކަން އުޅޭނެ ކަމެއް ނެތް،" ޗައިނާ މީހުންނާ ނަސްލީ ގޮތުން ދިމާކޮށް، ޝިޔާން ވިދާޅުވި އެވެ. ޝީޔާންގެ ވާހަކަ އެ ހިސާބަށް ދިޔުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އޭނާގެ ވާހަަކަ ހުއްޓުވި އެވެ. "އިއްޒަތްތެރި މެމްބަރު، އަޅުގަނޑަށް ހީވަނީ އެއްވެސް ގައުމެއްގެ އެއްވެސް ނަސްލެއްގެ، އެއްވެސް ބައެއްގެ ސިފައާ އަޅުގަނޑުމެން ބެހޭކަށް ނުޖެހޭ." އިވާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ