ރައްޔިތުން ގުނބޯ ހައްދަން ނޫޅޭށެވެ.

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ނަން ގަނެވޭ ކޮންމެ ފަހަރަކު އޭރު އެ މަނިކުފާނަށް މުހާތަބު ކުރަން ޖެހެނީ ސުމްވުއްލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ އިއްޒަތްތެރިވެރިޔާ، (ނ، ޣ، ޢ، ވ) ކިޔައިގެންނެވެ. އެ ނޫން ގޮތަކަށް ކިއުމަކީ ވެސް ކުށެކެވެ. އެ ބޭފުޅާގެ ނަން ގަނެވޭ ކޮންމެ ފަހަރަކު އެ ބަނދިވަރު ކިޔަން ޖެހެ އެވެ. އަދި އެހެންމެ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ނަން ގަނެވޭ ކޮންމެ ފަހަރަކު އެ މަނިކުފާނަށް ވެސް މުހާތަބު ކުރަން ޖެހެނީ ސުމުވުއްލްއަމީރު؛ މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކިޔައިގެންނެވެ. އިބްރާހީމް ނާސިރަށް ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބަކީ ޖާއިޒު ލަގަބެކެވެ. އެއީ ރާއްޖެ އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމުގައި ވެރިއަކަށް އޭރު އެ މަނިކުފާނު ހުންނެވުމުގެ އިތުރަށް އެ މަގަށް މަސައްކަތް ކުރެއްވި ބޭފުޅަކަށްވާތީ ވެސްމެ އެވެ. ނަމަވެސް އަޅުގަނޑުގެ ނުކުތާއަކީ ނާސިރަށް މުހާތަބު ކުރާ ކޮންމެ ފަހަރަކު އެ ބަނދިވަރު ނުކިޔަސް ހަމަ ރަނގަޅު ވާނެ ނޫންތޯ އެވެ. ރައީސް މައުމޫން ބޭނުންފުޅު ނަމަ އެ މަނިކުފާނަށް ވެސް ވަރަށް ގިނަ ލަގަބުތައް އޭރު އެރުވިދާނެ އެވެ. ހާއްސަކޮށް ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހަކީ ވެސް އެ މަނިކުފާނަށް ވަރަށް ފަސޭހަ އަދި ބަސްއަހާ މަޖިލީހަކަށް ވުމުން އެ ވަރުގެ ލަގަބެއް ފާސްކޮށްލުމަކަށް ބޮޑުކަމަކަށް ނުވާނެކަން ޔަގީނެވެ. އެކަމަކު މައުމޫން އެކަން އެ ގޮތަށް ކުރެއްވި ތަނެއް ނުފެނުނެވެ. އެ މަނިކުފާނުގެ އެކަޑެމިކް ފާހާ އެކު ކުރި އަށް އަލްއުސްތާޒު ކިޔުން ފިޔަވަ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ރައީސް ކަން ލިބިވަޑައިގަތުމާ އެކު، މަޖިލީހުގެ ތަރުޖަމާން މެދުވެރިކޮށް މީޑިއާތަކަށް އެންގީ ނަޝީދުގެ ނަން ގަނެވޭ އިރު މުހާތަބު ކުރަން ޖެހޭ ގޮތެވެ. އެ ގޮތަކީތޯ އެވެ؟ އެއީ އެ މަނިކުފާނުގެ ނަން ގަނެވޭ އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކިޔުމަށެވެ. ދައުލަތުން ޑަބަލްކޮށް މުސާރަ ނަންގަވާ ގޮތަށް، އެ މަނިކުފާނަށް މުހާތަބު ކުރަން ވެސް ޖެހެނީ އެ ދެބައި ލައިގެންނެވެ. ތެދެކެވެ. މަޖިލީހުގެ ރައީސަށް ކުރީގެ ރައީސްގެ ލަގަބު ލުމަށް ފަހު، މުހާތަބު ކުރަން ޖެހޭ ފަހަރު އަންނާނެވެ. އެއީ ކުރީގެ ރައީސްގެ ހައިސިއްޔަތު ނަޝީދު ކުރެއްވި ކަމެއްގެ ވާހަކަ ދައްކާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ކުރަން ޖެހޭނެ އެވެ. އެއީ އެކަން ކުރަން ޖެހޭނެ ގޮތް ވެސްމެ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގައި ނަޝީދު ކުރައްވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކިޔާކަށް ނުޖެ އެވެ. އެއީ ކޮންމެވެސް ނަފުސާނީ ކަމެކޭ ބުނާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އެ ކަމުގައި އިނގިރޭސި ބަހުން ބުނާ ނަމަ ސައިކޮލެޖިކަލް މައްސަލައެއް އުޅޭހެން ހީވެ އެވެ. އެހެން ނޫން ނަމަ ކޮންމެ ފަހަރަކު އެ ބަނދިވަރު ނުކިޔެއް ކަމަކު، ރާއްޖޭގެ ވެރިކަން ދެތިން އަހަރު ނަޝީދު ކުރެއްވިކަން ހަމަ އެންމެންނަށް ވެސް އެނގެ އެވެ. މިދިޔަ މަހުގެ މެދެއްހާ ހިސާބު މަޖިލީހުގެ ރައީސް ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެއްޖެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަ ދައްކަވަން ބޭނުންފުޅުވާ ވާހަކަ އާއި އަދި ހަވާސާގައި ހުނަންނަވަން ބޭނުންފުޅު ނޫން ވާހަކަ އެވެ. ރަނގަޅު ވާހަކަފުޅެެވެ. އެ ބޭފުޅަކު ވަކި ކަމެއް ބޭނުން ނަމަ ހަމަ އެކަމަކަށް އެދި މަސައްކަތް ކުރަންވީ އެވެ. ކެނޑިނޭޅި ވެސް މަސައްކަތް ކުރައްވަންވީ އެވެ. މާތް ﷲ އަންގަވާފައި އޮންނަނީ ވެސް މަސައްކަތް ކުރާ މީހުންނަށް ތިމަން ﷲ ކާމިޔާބު ދެއްވާނެ ކަމަށެވެ. އެކަމަކު ރައީސަށް ފޮނުއްވި މެސެޖާ ގުޅޭ ގޮތުން ދެތިން ނުކުތާއެއް ފާހަކަކޮށްލަން އަޅުގަނޑު ބޭނުމެވެ. އެއް ނުކުތާއަކީ ވަކި މީހަކު ހަވާސައި ހުންނަން ޖެހޭތީ ސިސްޓަމް ބަދަލު ކުރަން ޖެހޭ އުސޫލަކީ ކޮބައިތޯ އެވެ؟ އަދި ވަކި މީހަކު ހަވާސާގައި ހުންނަން ޖެހުމަކީ ދިވެހި ރައްޔިތުންގެ އެކަމުގެ ޒިންމާ އުފުލަން ޖެހޭ ކަމެއްތޯ އެވެ؟ ދެ ވަނަ ނުކުތާއަކީ މިހާރު އޮތް މަޖިލީހުގެ މައްޗަށް 2023ގެ ފެބްރުއަރީ މަހު، ސަރުކާރު އެކުލަވާލުމަށް ދައްކާ ވާހަކަ އެވެ. މިއީ ކާކު ދިން މޭންޑޭޓެއްތޯ އެވެ؟ އޮޅިވަޑައިގެން ނޫޅުއްވާށެވެ. ސިސްޓަމް ބަދަލު ކުރާ ނަމަ ގާނޫނު އަސާސީ ދަންނަ މައްފޫމަކީ ރައްޔިތުންގެ ކައިރިއަށް ގޮސް އެެ ނިޒާމު ބަދަލު ކުރުމެވެ. ތިމަތިމަންނަމެން ބޭނުންވީމާ، ސިސްޓަމް ބަދަލުކޮށް "ބޮޓް"ތަކަށް ވަޒީރުކަން ދޭ އުސޫލެއް ނޫނެވެ. އެ ނުކުތާގެ އެންމެ ހެއްވާ އަދި މަޖާ ޖުމުލައަކީ، ތިމަން މަނިކުފާނު ބޮޑުވަޒީރަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާ ވާހަކަ ވިދާޅުވުމެވެ. އަދި އެ ވާހަކަ ވެސް މި ދަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހު އެވެ. ރައީސްއަކީ ވަކި މީހަކަށް ބޮޑުވަޒީރުކަން ދިނުމަށް، އަދި ނުދިމުމަށް، ދިވެހި ރައްޔިތުން ކޮން ހައިސިއްޔަތެއް ދެއްވި ބޭފުޅެއްތޯ އެވެ. ލަދުން ބޯހަލާކެވެ. ނިޒާމުގެ ވާހަކަ ކޮންމެ ފަހަރަކު މި ދައްކަވަނީ، ވެރިކަން ނެތް ކޮންމެ ފަހަރަކު އެވެ. ތިން އަހަރު ވެރިކަން ކުރެެއްވި އިރު، ބަރުލަމާނީގެ، ބާ ވެސް ނުކިޔަ އެވެ. ދެން ކޮން ބަރުލަމާނީއެއްގެ ވާހަކަތޯ އެވެ؟ ވެރިކަން ކުރުމަށް ރިޔާސީ ނިޒާމެކޭ ބަރުލަމާނީ ނިޒާމެކޭ ވަކި ތަފާތެއް ނެތެވެ. ދެ ނިޒާމުގައި ވެސް މައްސަލަކީ އެކަން ހިންގަން ތިބޭ މީހުންނެވެ. ބަރުލަމާނީ ނިޒާމަކަށް ވުރެ ބޮޑަށް ރިޔާސީ ނިޒާމަކަށް އަޅުގަނޑު ރާއްޖޭގައި ތާއިދު ކުރާ އޮތީ ދެތިން ޕޮއިންޓެކެވެ. އެއް ޕޮއިންޓަކީ ސަރުކާރު ހިންގުމަށް ކިޔަވައިގެން ތިބި، ރަނގަޅު ޓެކްނޯކްރެޓުން ލުމަށް އޮންނަ ފުރުސަތެވެ. ދެ ވަނަ ނުކުތާއަކީ ރައްޔިތުންގެ ވޯޓަކުން ސީދާ އިންތިހާބު ކުރާ ވެރިއަކު ހުރުމެވެ. ތިން ވަނަ ނުކުތާއަކީ ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިން އޮތުމެވެ. އެއާ ހިލާފަށް ބަރުލަމާނީ ނިޒާމެއްގައި "ބޮޓް"ތައް ވަޒީރުކަން ކުރުމާއި އަދި މަދު ބަޔަކު ގަނެލުމުން ފަސޭހައިން ވެރިކަން ބަދަލުކޮށްލެވޭނެ ނިޒާމަކަށް އެ ނިޒާމުވުމަކީ އެ ނިޒާމާ ދޭތޭ އަޅުގަނޑަށް ނުރުހެވޭ ސަބަބެވެ. މަޖިލީހުގެ ރައީސް ކިތަންމެ ވަރަކަށް ފައި ނެންގެވިއަސް، ރާއްޖޭގައި ބަރުލަމާނީ ނިޒާމު ގެނެވޭނެ އޮތީ އެންމެ ގޮތެކެވެ. އެ ގޮތަކީ ޕީޕީއެމް އެގޮތް ބޭނުންވުމެވެ. އެއީ ފަހަރުގައި ނުވާނެ ކަމެއް ކަމަށް ބުނާކަަށް ނެތީމެވެ. އެކަމަކު ރައީސް ޔާމީން ވެސް އެ މަނިކުފާނަށް ފައިދާ ނެތް ގޮތެއްގައި ނިޒާމު ބަދަލު ކުރުމަށް މިހާރު ތާއީދު ކުރައްވައިފާނެ ކަމަކަށް ނުފެނެ އެވެ. އެހެން ވެއްޖެ ނަމަ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ބޮޑުވަޒީރުގެ ގޮޑި ހޯދުމަށް ޕީޕީއެމް އަށް އޮތް ފުރުސަތު ވެސް ވަކި ހަންޏެއް ނޫނެވެ. އޭރުން ނަޝީދުގެ ބޮޑުވަޒީރުކަން ގޮސް މިޖެހެނީ ކޮންތާކުތޯ އެވެ؟ އަޅުގަނޑުމެން މިތިބީ ކުޅި ބަލާށެވެ. އެނގިދާނެތާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ