ކަރަންޓީން ނުވެ ވޯޓުލާން ރަށްރަށަށް ދެވޭނެ

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލާން ބޭނުންވާ މީހުން ކަރަންޓީނު ނުވެ ރާއްޖޭގެ ކޮންމެ ރަށަކަށް ދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ އިން ރަށްރަށަށްދާ ފަރާތްތަކަށް 10 ދުވަހަށް ކަރަންޓީންގައި ތިބެން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ރާއްޖެ އިން ބޭރުގައި އުޅެފައި ރާއްޖެ އަންނަ ކޮންމެމީހަކު ވެސް ކަރަންޓީން ވާން ޖެހެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކޮންމެ ރަށަކަށް ވެސް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާކަން އިއުލާން ކޮށްފައިވަނީ ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމެއްގައެވެ.
އެ އެންގުމުގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓުތަކުންނާއި ސަފާރީތަކުންނާއި ގެސްޓްހައުސް ހުންނަ ރަށްރަށުންނާއި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ވަކި ފިޔަވަޅުތަކަކާއެކު ވޯޓުލުމަށްޓަކައި ކަރަންޓީނުވުމެއް ނެތި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ވޯޓުލާން ދާ މީހުން ހަތް ކަމެއް ނުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
އެގޮތުން ވޯޓުލާ ސަރަހައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހިމެނޭ ގޮތަށް) ދިއުން އޮތީ މަނާކޮށްފައިވާއިރު އެމީހަކު ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުންނަން ޖެހެއެވެ. އަދި މީހުންނާ ބައްދަލު ކުރުމާއި ގޭގެއަށް ޒިޔާރަތް ކުރުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.
އިއުލާންގައި ބުނީ ވޯޓުލުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި އެމީހަކު އައި ރަށަކަށް އެނބުރި ދާން ޖެހޭނެ ކަމަށެވެ.
ރަށުގައި ކަރަންޓީންވެފައިވާ ނުވަތަ އެކަހެރިވެފައިވާ މީހުން ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލާން ވާނެ ކަމަށް ވެސް އިއުލާންގައިވެއެވެ. ދަތުރު ފެށުމުގެ ކުރިން ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް ދަތުރު ކުރާ ތާރީހާއި ރަށުގައި މަޑު ކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަން އަންގަން ވާނެއެވެ.
އެޗްޕީއޭ އިން ބުނީ އެ އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ ވޯޓުލުމަށްޓަކައި ދާ ފަރާތްތަކަށް އެކަނި ކަމަށާއި އެ ފަރާތްތަކުން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަށް އަމަލުކުރަންވާނެ ކަމަށެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ