އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ: ނަޝީދު

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމަށާއި އެއީ އެ ޕާޓީއެއްގެ ހާއްޔެއް ކަމުން، އިދިކޮޅު ޕީޕީއެމަށް އެ ހާއްޔަށް ބިހެއް ނޭޅޭނެ ކަމަށް އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް، އއ. ރަސްދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ހާލީގައި ވާ ކޮންމެ ނަރުކޮޅެއް ވެސް، ކޮންމެ ފަތްކޮޅެއް ވެސް ގެންގޮސް ބޭއްވީ އެމްޑީޕީގެ ތުނބުން ކަމަށެވެ. އަދި އެ ހާއްޔަށް ބިސް އެޅީ ވެސް، ބިސް ފީކުރީ ވެސް އެ ޕާޓިން ކަމަށާއި މިހާރު ދޫނިތައް ފިޔަ ހުޅުވާލާފައި އުފަލުން އެ ދަނީ މުޅިން އާ، ރަން ރީނދޫ ފަތިހަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮވެލީގެ ޒާތެއް އެއީ ކާޅުގެ ހާއްޔަށް ބިސް އެޅުން. ނޫން. މިއީ އެމްޑީޕީގެ ހާއްޔެއް. މި ހާއްޔަކަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ." ރަސްދޫ ބަނދަރުގައި އޮތް ކަންނެލި އޮޑިތަކުގައި ބޭއްވި އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
"މި ހާލީގައި ބިސް އަޅާނީ ވެސް، ބިސް ފީކުރާނީ ވެސް އަދި އެ ދޫނި ނެރެ އުދުއްސާލާނީ ވެސް ހަމަ އެމްޑީޕީން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސްވެރިންނާއި ގިނަ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން މިހާރު ނިކުމެ އެ ތިބީ މުޅިން އެހެން ގައުމިއްޔަތެއް އުފައްދަން ކަމަށެވެ. އެއީ އިސްލާމްދީނުގެ އުސޫލުތައް ގަބޫލު ކުރާ، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ދުޅަހެޔޮ، ތާހިރު ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއް ބިނާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ އެންމެ މުހިއްމު ތަރަހައަކީ، ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމެއް ހޯދުމެވެ. ލާމަރުކަޒީ ނިޒާމުގެ ހާލި އުފެއްދީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ގޮތެއް ހޯދަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދުގެ އުއްމީދަކީ، އެ ނިޒާމު ބަލައިގަނެ، އެމްޑީޕީގެ ކައުންސިލް ގޮނޑިތަކެއް، އަންނަ ހޮޮނިހިރު ދުވަހު ރުކުރުވާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ