2018 ގައި ބްރިޖް މަތިން ދަތުރުކުރާނެ - ރައީސް ޔާމީން

މާލެ އާއި ހުޅުމާލެއާ ދެެމެދު އަޅާ މޯލްޑިވްސް ޗައިނާ ބްރިޖް މަތިން  2018 ވަނަ އަހަރު ދަތުރުކުރެވޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބްރިޖްގެ މަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.
"ބްރިޖްގެ މަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ، އަދި 2018 ގައި ބްރިޖްގައި ދަތުރުކުރަން ފަށާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބްރިޖް މަސައްކަތުގަ ތިން ދުވަހުގެ ތެރޭ ކުންފުންޏަކަށް އެވޯޑް ކުރެވޭނެ ކަމަށާއި ބްރިޖްގެ މަސައަކްތް ފަށާ، ބްރިޖް ވެގެން ދާނީ ބޮޑު އުފަލަކަށް ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެއާޕޯޓް ގެ ފަސިންޖަރުންގެ އަދަދު ހަ ގުނައަށް އިތުރު ކުރުމަކީ އަމާޒެއް ކަމަށާއި މި އެއާޕޯޓްގެ ފަސޭހަކަން 2018 ހުސްވުމުގެ ކުރިން ލިބޭނެ ކަމަށެވެ.
"ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޔޫތު ސިޓީއަކީ އެންމެ ވަރުގަަދަ މަޝްރޫއު، މިހާރު ބޮޑު ހިލަ ޖައްސަމުން ދަނީ، ބޮޑެތި މަގުތައް ހަދާނެ، އެހިސާބުން ޒުވާނުންގެ އުންމީދު ހަގީގަތަކަށް ހަދައި މި މަސައްކަތް އަމަލީ ގޮތުން ލޯންޗު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަތޮޅުތަކުގައި 16 ބަނދަރު ނިންމައި 45 ބަނދަރު ހަދަމުންދާ ކަމަށާއި 23 ބަނދަރު މަރާމާތު ކުރެވިފައިވާ ކަމަށެވެ.
"5 ރަށެއްގެ ބިން ހިއްކައިފި 9 ރަށެއްގެ މަގު ހަދަމުން އެބަދޭ. އަންނަ އަހަރު ލާމުގެ މަގު ނިމޭނެ، ފަނުގެ މަޝްރޫތައް ވެސް އަބަދޭ، ނަރުދަމާގެ މަޝްރޫތައް ވެސް އެބަދޭ،" ރައީސް ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައި ފާމަސީއެއް ހެދި ހުޅުވިފައިވާ ކަމަށާއި ޖުމްލަ 185 ފާމަސީ ވަނީ ހުޅުވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ އަހަރުތެރޭގައި އައިޖީއެމްއެޗް ތަރައްގީކޮށް ނިންމޭނެ ކަމަށާއި މާދަމާ ނޫން އަނެއްދުވަހު އެމްއާރްއައި މެޝިން އައިޖީއެމްއެޗްގައި ބަހައްޓާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ