ކޮންސްޓްރަކްޝަން ސައިޓުތަކުގެތެރެއިން ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ 17 ތަނެއްގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީ އިން ބުނީ އެ ސަތާރަ ސައިޓަކީ، ސަލާމަތީ ކަންކަން ހުރި މިންވަރު ބެލުމަށް އެ މިނިސްޓަރީއިން މިހާތަނަށް ޒިޔާރަތް ކުރެވުނު ސައިޓުތަކުގެ ތެރެއިން ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ސައިޓުތައް ކަމަށެވެ.
މިހާތަނަށް ކުރެވުނު ޒިޔާރާތުގެ ތެރެއިން ސަލާމަތީ ކަންކަން ނެތުމުން މަސައްކަތް ކުރިއަށް ގެންދިޔުން ހުއްޓުވާފައިވާ ސައިޓުތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ ތިން ތަނަކާއި ވިލިމާލޭގެ ދެ ތަނަކާއި ހުޅުމާލޭގެ 12އިމާރާތެކެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރި ގޮތާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހުއްޓުވުމަށް އެންގި މާލޭގެ ތިން ތަނެއްގެ ތެރެއިން ދެ ތަނަކުން މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަންތަނުގެ މަސައްކަތް އަލުން ފެށުމަށް ހުއްދަ ދީފައިވާކަމަށް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މިދިޔަ އާދިއްތަ ދުވަހު މާލޭގައި އިމާރާތް ކުރަމުން އައި ގެއެއްގެ ފަސް ވަނަ ފަންގިފިލާ އިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، ބަންގުލަދޭޝަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރުވިއިރު އެ ހިތާމަވެރި ހާދިސާއާއެކު އިމާރާތް ކުރުމުގެ ދާއިރާގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅިގެން ގިނަ ބައެއްގެ ލޯހުޅުވިގެން ދިޔައެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ ކޮންސްޓްރަކްޝަން ސައިޓުތައް ހިމެނޭހެން 460 ސައިޓެއްގެ ސަލާމަތީ ކަންކަން ބަލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މާލޭގެ 104 ސައިޓަކާއި، ވިލިމާލޭގެ 16 ސައިޓެއްގެ އަދި ހުޅުމާލޭގެ 117 ސައިޓެއް ބަލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާ ބައެއް ސައީޓުތަކުގައި މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ގަވައިދުތަކަށް ފުށޫ އަރާގޮތަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަން ކަން ރަނގަޅުކުރުމަށް ކޮންޓްރަކްޓަރުންނަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
"އޭގެ ތެރޭގައި މަގުމަތީގައި އެއްޗެހި ބަަހައްޓާއިރު ބޯޑު ނުވަތަ ހުއްދަ ނުނަގައި ބަހައްޓާފައި ހުންނަ ހުރުން ވެސް ގަވައިދު ތެރެއަށް ފައްތަލަ ދިމަށް އަޅުގަނޑުމެން މިދަނީ ކޮންޓްރަކްޓަރުންނަށް އިލްތިމާސް ކުރަމުން. އަދި މަގުމަތީގައި ހިނގާ މީހުންނަށް ރައްކާތެރިކަމެއް ނެތް ގޮތަށް ބައެއް އިމާރާތްތައް ކުރަމުންދާއިރު، ފެންސް ކުރުން ނުވަތަ ހޮޅި ޖެހުމުގެ ކަންކަން ވެސް ނެތް ތަންތާނގެ އެތަންތަނުގެ ކޮންޓްރަކްޓަރުންނަށް މިދަނީ ރަނގަޅު ކުރަން އިލްތިމާސް ކުރަމުން. އަދި މަތީގައި މަސައްކަތް ކުރެވެމުންދާ ތަންތަނގަ އެއްޗެއް ތިރިއަށް ވެއްޓި ދާނެތީ ތިރީގައި އަޅަން ޖެހޭ ސަލާމަތީ ކަންކަން ވެސް އެޅުމަށް އިލްތިމާސްކުރަމުން" ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާ 17 ސައިޓެއްގެ މަސައްކަތް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ