ޖޭޕީގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ ގާސިމް އިބްރާޙީމް އެކަނި

ޖޭޕީގެ ލީޑަރުގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ މުއްދަތު އިއްޔެ ހަމަވެފައިވާއިރު އެމަގާމަށް ކުރިމަތި ލައްވާފައިވަނީ ގާސިމް އިބްރާހިމް އެކަނި ކަމަށް ޖޭޕީން މިއަދު ބުނެފިއެވެ.
ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް އެޕާޓީގެ ކުރީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރިމަތި ލައްވައިފައިވާއިރު އެޕާޓީގެ ލީޑަރުކަމަށް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ މިއަދުކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ގާސިމް އެމަގާމަށް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުމާއި ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށް އެޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޕާޓީގެ ކައުންސިލުގެ 124 ވަނަ ބައްދަލުވުން މިއަދު ހަވީރު، 16:00 ގައި ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެޕާޓީން ބުނެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ކުރިން ހުންނެވި ގާސިމް އިބްރާހިމްއަށް ކޮށްފައިވާ ޖަލުހުކުމް މިމަހުގެ 22 ވަނަ ދުވަހު ހައިކޯޓުން ބާތިލްކުރުމާއިއެކު، އެޕާޓީގެ ލީދަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޕާޓީން ހުޅުވާލިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި މިވަގުތު ބޭފުޅަކު ނެތުމުން އެޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ ހުސައިން ރަޝީދު ހަސަންއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ