ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ޕީޕީއެމް ހަވާލުކުރުމަށް އެދި ޕީޕީއެމްގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓަށް ނެގުމަށްފަހު އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.
މިމައްސަލަ ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 8:15 އަށެވެ.
ސިވިލް ކޯޓުގައި މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އަޑުއެހުންތައް ފަށާފައިވަނިކޮށް މިމައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންދިޔައީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ޕީޕީއެމް ރައީސް މައުމޫނާ ހަވާލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު އެެވެ.
އަހްމަދު ރަޝީދު މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕުން އެޕާޓީއާ މެދު އަމަލުކުރަމުންދާ ގޮތުން ޕާޓީއަށް ގެއްލުންވަމުންދާތީއާއި، ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ، އެކަންކަމަށް ރިއާޔަތްކޮށް ޕީޕީއެމްގެ މެންބަރުން ގާނޫނީ ގޮތުން އެޕާޓީގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް ކޯޓުން ހުކުމެއް ކޮށްދިނުމަށް އެދި އެވެ.
މިމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ކޯޓުގައި އެދިފައިވެ އެެވެ.
ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުން މިއަމުރު ނެރުނުއިރު ޕީޕީއެމްގެ ރައީސްގެ ގޮތުގައި ރައީސް މައުމޫން ހުންނެވި ނަމަވެސް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޕީޕީއެމަށް އޭރު ކުރިމަތިވެފައިވަނީ ރައީސެއް ނެތް ފަަދަ ހާލަތެއް ކަމަށެވެ. އެހެންކަމުން ޕީޕީއެމް ހިންގަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީންކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ އޭރުގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް އަމުރުގައިވެ އެވެ. ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ މީހެއް ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ސިވިލް ކޯޓުގެ އަމުރާ ދެކޮޅަށް މީގެކުރިން ވާހަކަވެސް ދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ