މިނިސްޓަރ ފައްޔާޒު އިސްތިއުފާ ދެއްވުމަށް އުމަރު ނަސީރު ގޮވާލައްވައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
އުމަރު މިހެން ގޮވާލެއްވީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން, ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.
އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ވަޒީރަކު މީސް މީޑިއާގައި މިފަދަ ހުތުރު ވާހަކައެއް ދެކުމަކީ މުޅި ދައުލަތަށް ލިބުނު ހުތުރެއް ކަމަށެވެ.
ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.
"މިކަމުގެ ހައްލަކީ ފިރިހެނުން ގެއިން މަސައްކަތް ކުރުން ނުވަތަ ހާއްސަ ޗޭސިޓީ ބެލްޓެއް އުފައްދާ އޭގެ ތަޅުދަނޑި ސަރުކާރުގެ ތަނެއްގައި ބޭއްވުން ބާ؟" ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒްގެގެ އެ ޓުވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާ މިފަދަ ދީނާ ގުޅުން ހުރި މައުޟޫއެއްގައި މީސްމީޑިއާގައި ބަސްވިދާޅުވުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ. މީސް މީޑިއާގައި މިބަހުސް ފެށިފައި ވަނީ ޝެއިޚް އަހުމަދު ސަމީރުގެ ތަގުރީރަކާ ގުޅިގެންނެވެ.
ޝެއިޚް ސަމީރުގެ އެ ތަގުރީރަކީ އޭނާ މީގެ އަށެއްކަ އަހަރު ކުރީން ދެއްވި ތަގުރީރެކެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ އަންހެނުނަށް އެކި ކަހަލަ ފުރައްސާރަ ކުރުންތައް ފިރިހެނުންގެ ފުށުން އަންނަނީ އެމީހުން ލާ ހެދުމުގެ ސަބަބުން ކަމަށެވެ.
ބަހުސް އާއި ގުޅިގެން ފައްޔާޒް ވިދާޅުވީ އޭނާ އަކީ އަމިއްލަފުޅު ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ކަމަށާއި ގައުމުގައި ހިނގާ މުހިން ކަންކަމާ މެދު ޚިޔާލުފާޅުކުރެއްވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ