އަހުމަދިއްޔާ ސްކޫލް އިންޓަނޭޝަނަލް ކުރަނީ

ރާއްޖޭގެ އެންމެ މަޝްހޫރު އަމިއްލަ ސްކޫލް ކަމަށްވާ މަދަރުސަތުލް އަހުމަދިއްޔާ، އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ކަމާ ގުޅިގެން އެ ސްކޫލުގެ ޓީޗަރުންނާ އެކު އެ ސްކޫލުން ވަނީ މަޝްވަރާ ވެސް ކޮށްފަ އެވެ.
އަހުމަދިއްޔާ ސުކޫލްގެ އިސް އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ސްކޫލް އިންޓަނޭޝަނަލް ކުރުމަށް ނިންމައި އެ މަަސައްކަތް ދަނީ ކުރަމުންނެވެ. އެ ސްކޫލްގެ ޓާގެޓަކީ އަންނަ އަހަރު ކިޔެވުން ފަށަންވާއިރަށް އެ ސްކޫލް އިންޓަނޭޝަނަލް ކުރުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މި ސްކޫލް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެސްކޫލްގެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދަށް ގުޅާލުމުން ވިދާޅުވީ، އެ ސްކޫލް އިންޓަނޭޝަނަލް ކުރަން އުޅޭ ކަމުގެ ވާހަކައަކީ ތެދުވާހަކައެއް ކަމަށެވެ. ނަމަވެސް އެމައްސަލާގައި އިތުރު ތަފްސީލް މީޑިއާ އަށް އަދި ދިނުމަށް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދިއްޔާ ސްކޫލް އިންޓަނޭޝަނަލް ކުރި ނަމަވެސް އެ ސްކޫލަށް އަންނާނެ ބަދަލުތައް ވަނީ އަދި ސާފުވާގޮތް ނުވެފަ އެވެ.
އެ ސްކޫލް އިން ތައުލޫމީ ދާއިރާގައި ހަރަކާތްރެރިވާން ފަށާފައި ވަނީ 1982 އިން ފެށިގެންނެވެ. އަދި އެ ސްކޫލުގައި ޕްރީ ސްކޫލް އާއި ސާނަވީ އަދި މަތީ ސާނަވީ އަށް ކިޔަވައިދޭ އިރު، އެސްކޫލް އަންނަނީ ކޮންމެ އަހަރަކު ވެސް އޯލެވެލް އިމްތިހާނުގައި ރަން ވަނަތަކެއް ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ