ތޮލްހަތު 10 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ތޮލްހަތު ޖަލަށް ލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި މިވަނީ އޭނާ ޖަލަށްލީ މައްސަލަ ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުމުން އޭރު އެމައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމުން އަލުން އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ތޮލްހަތުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ތޮލްހަތުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އާއި މިދައުވާ ކޮށްފައިވާ އަސާސާއި ދައުވާގައި ހުށަހެޅިފައިވާ ވާގިއާ އަކީ ޓެރަރިޒަމްގެ ކުށުގެ އަމަލެއް ކަމަށް ބަލައި ޝަރީއަތް ހިންގާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ތޮލްހަތު 10 އަހަރަށް ޖަލަށްލުމަށް އިއްވި ހުކުމާއި މިމައްސަލައަށް ތާއީދުކޮށް ހައިކޯޓުން އިއްވި ހުކުމްވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތޮލްހަތު ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވެ ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ވެސް މިމަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދާއި ތޮލްހަތު އިބްރާހީމްގެ އިތުރުން އެދުވަސްވަރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައިވާ މޫސާ އަލީ ޖަލީލާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް ދީދީގެ އިތުރުން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް ނަޝީދާއި ތޮލްހަތުގެ އިތުރުން އެހެން ބޭފުޅެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ