ރާއްޖޭގެ ޒުވާނުން އައިއެސްއާ ގުޅިގެން ހަނގުރާމަކުރުމަށް ދިއުމާބެހޭ ގޮތުން ބޭރުގެ ނޫސްތަކުގައި ޖަހަމުން ގެންދަނީ އެކަން ހިނގަމުންދާ ކަން ހިނގަމުންދާ ވަރަށްވުރެ މާބޮޑުކޮށްގެން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ސިންގަޕޫރުގައި ހިންގަމުންދާ އިންޑިއަން އޯޝަން ކޮންފަރެންސް 2016 ގައި ވާހަކަ ދައްކަވަމުން ކޮންފަރެންސުގެ ބައިވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ މިހަރަކާތަކީ ރާއްޖެ ފިޔަވައި ވަރަށް ގިނަ އެހެން ގައުމުތަކުގައިވެސް ހިނގަމުންދާ ހަރަކާތެއް ކަމަށާއި ރާއްޖޭގައި އެކަން ކޮންޓްރޯލް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އިސްލާމްދީނަކީ ސުލްހައަށް ގޮވާލާ ދީނެއް ކަމަށާއި، އައިސިސްއިން ހިންގަމުންގެންދާ ފަދަ ލާއިންސާނީ ޖަރީމާތަކަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މި ކޮންފަރެންސަކީ އިންޑިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި، ސިންގަޕޫރުގެ އެސް. ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުންގެންދާ މިސަރަހައްދުގެ ގައުމުތައް ހިމެނޭ ޖަލްސާ އެކެވެ. މިޖަލްސާގައި 21 ގައުމަކުން ބައިވެރިވި އެވެ. ދިވެހިރާއްޖޭގެ ފަރާތުން މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނުވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަވެރިކަމާއި ތަރައްގީއާއި މިކަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މިސަރަހައްދުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ގައުމުތަކުގެ މެދުގައި ވާހަކަދައްކަމުން ގެންދާނެ ގޮތުގެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލާފަ އެވެ.
ިއިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމަން އަމާންކަމާއި ސުލްހަމަސަލަސްކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ގައުމުތަކުގެ ދާހިލީ ހަމަޖެހުން ވަރުގަދަ ކުރަންޖެހޭނެ ކަމަށާއި، ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް ޑިމޮކްރެޓިކް އުސޫލުތައް އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި އަށަގަންނަވަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިންއާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، ހައްދުފަހަނަޅައި ދިއުމުގެ ހަރަކާތްތަކާއި، ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ޓްރޭނިން ދިނުމާއި، އެތަންތަނަށް މީހުން ފޮނުވުން ހިމެނޭ ކަަމަށްވެސް މައުމޫން ވިދާޅުވި އެވެ. މިމައްސަލަތައް ހައްލުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދަކީ އަމާން ސުލްހަވެރި އަދި ގައުމުތައް ގުޅިގެން ކުރިއެރުމާއި، ތަރައްގީއަށް މަސައްކަތްކުރާ ސަރަހައްދަކަށް ހެދުމަކީ މިސަރަހައްދުގެ މުސްތަގޫބަލުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވިދާޅުވީ މިބަހުސްގައި ތައުލީމީ މުއައްސަސާތަކާއި، ޑިޕްލޮމޭޓުންނާއި، ދިފާއީ މުއައްސަސާތަކާއި، ވިޔަފާރިވެރިންނާއި، އަދި މުޖްތަމައުތަކުގެ މުހިއްމު ފަރާތްތަކުން ބައިވެރިވުމަކީ ބޭނުންކަމެއް ކަމަށެވެ.
އައިއެސްއާ ގުޅޭ ވާހަކަދައްކަނީ މާބޮޑު ކޮށްލައިގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ