އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިޔަކު ހޮވަން ވޯޓުލުމުގެ ކުރިން ގައުމަށް ފައިދާ ހުރި ސިޔާސީ ލީޑަރަކީ ކޮބައިކަން ދެނެގަންނާނެ ފޯމިއުލާއެއް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެ ދެއްވައިފި އެވެ.
ޅ. ހިންނަވަރު ފެނުގެ ނިޒާމް އިފްތިތާހު ކުރަން އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި މޫސުމުގައި ސިޔާސީ ބޭފުޅުން ޕޯޑިއަމްތަކުގައި ރައްޔިތުންގެ ތާއީދު ހޯދަން ވާހަކަފުޅު ދައްކާނެ ކަމަށާއި ނަމަވެސް އިދިކޮޅުގައި ތިއްބެވި ލީޑަރުން އެއް މައްސަލައެއްގައި އެއް ހިޔާލެއް ނުގެންގުޅުއްވާ ކަމަށެވެ. އެތަނުން ރަނގަޅު ވާހަކަފުޅު ދައްކަވަނީ ކޮން ބޭފުޅެއްތޯ ދެނެގަންނަން ރައްޔިތުންނަށް އުނދަގޫވާ ކަމަށާއި އެހެން ކަމުން ގިނަ ލީޑަރުންތަކެއްގެ ތެރެއިން އެކަކު ނަގަން ޖެހިއްޖެ ނަމަ ރަނގަޅު ބަޔަކު ހޮވުމަށް ޗޮއިސް މަދު ކުރަމުން ގޮސް އެކަކު ނަގަން ޖެހޭ ކަމަށެވެ.
ރަނގަޅު ވާހަކަތައް ދައްކަވަނީ ކޮން ލިޑަރެއްކަން ދެނެގަނެވޭނެ ފަސޭހަ ގޮތްތަކެއް ރައީސް ޔާމީން ވިދާޅުވެ ދެއްވި އެވެ. ރައީސް ވިދާޅުވީ ލީޑަރުން އިހްތިޔާރު ކުރުމުގައި ފުރަތަމަ ކަމަކަށް އެ ލީޑަރަކު ދައްކަވާ ވަހަކަފުޅަކާއި އެ ލީޑަރެއްގެ މާޒީން ދައްކައިދޭ ކަންކަމުން ދިވެހިން އިސްލާމީ އަގީދާ މަތީގައި ތިބުމުގެ ސާބިތުކަން ގެނެސްދޭނެތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އިސްލާމީ އަގީދާގައި ތިބެން ދިވެހިން ބޭނުން ވާނަމަ އެންމެ ފުރަތަމަ ސުވާލުން ފެއިލް ވާނެ ބޭފުޅުން އިދިކޮޅުގެ ލީޑާޝިޕްގައި ތިބި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެތަށް ބައިވަރު ބަޔަކު ކަމަކާ ކުރިމަތި ލައިފި ނަމަ އެތަނުން ރަނގަޅު ބަޔަކު ހޮވުމަށް އިންތިހާބުތަކުގައި ވެސް މި އޮންނަނީ އެލިމިނޭޝަންތަކެއް، އެއީ ޗޮއިސް ގިނަ ވެއްޖެ ކަމަށް ވަންޏާ އެންމެ ރަނގަޅު އަމާޒަކާ ހަމަޔަށް އަންނާނީ ޗޮއިސް މަދު ކުރަމުން މަދު ކުރަމުން ގޮސް ދެ މީހަކާ ހަމަޔަށް ދިޔައިމަ އެކަކަށް ވޯޓު ދޭނީ، ހަތަރު މީހުންނާ ހަމައިގަ މިކަން ވާނެ ގޮތެއް ނޯވޭ، އެހެންވެ ސިޔާސީ ލީޑަރުން އެލިމިނޭޓް ވާން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. "އެހެންވެ ފުރަތަމަ ކަމަކަށް އިސްލާމީ ވެއްޓެއް އޮވެ އަގީދާގެ މަތީގައި ދިރިއުޅެން އުޅޭ ބައެއް ކަމުގައި އެބަވަން، އެހެންވެ ފުރަތަމަ ސުވާލަކަށް ވާންވާނީ އެ ވާހަކަދައްކާ މީހުންގެ ތެރޭގައި އެ ސިފަ ހުރީ، ނުވަތަ ސިފަ ހުރި މިންވަރު ނޫނީ މި ސިފަ ގެއްލިފައި ތިބި ލީޑަރުން އެބަ ތިބިތޯ، އެކަހަލަ ލީޑަރަކު ހުންނެވި ނަމަ ނަން އައުމުގެ ކުރިން ރަސްގެ ޖަހަންވީ އޭރުން އެއް ލީޑަރަކު މަދުވީ،"
ދެވަނަ ސުވާލަކަށް ރައީސް ވިދާޅުވީ ރާއްޖޭގައި ކުރެވެން ހުރި ކަންކަމުގެ ވާހަކަތައް ވަރަށް މޮޅަށް ލީޑަރުންނަށް ވިދާޅުވެ ދެއްވޭނެ ކަމަށާއި ނަމަވެސް ހިޔާލުގައި ނުކުރެވޭ ވަރުގެ މޮޅު ވާހަކަ ދައްކަވާ ނަމަ އެހާ ހިސާބުން އެއީ "އެހެން ދުނިޔެއަކުން އައި އޭލިއަން" އެއްގޮތަށް ނިންމައި ވޯޓު ދީގެން ނުވާނެ ކަމަށެވެ. އަދި ތިން ވަނަ ކަމަކަށް އެ މީހަކީ ދައްކާ ވާހަކަ އާއި އަމަލާއި އެކަން ތަންފީޒު ކުރެވޭ ވަރުގެ ތަޖުރިބާ އާއި އިލްމާއި ހުނަރު ހުރި މީހެއްތޯ ބަލާލަން ޖެހޭ ކަމަށެވެ.
"ވަރަށް ސާދާ ތިން ކަމެއް މި ދަންނަވާލީ، އަޅުގަނޑުމެން މޮޅު ވާހަކަތައް ދައްކާ އިރު ރާއްޖޭ ވެއްޓަަށް އެކަން ބޭނުންވޭތޯ ނުވަތަ އެއަށް ވުރެ އިސްކަން ދޭން ޖެހޭ ކަންކަން ތިބިތޯ ބަލާލަން ޖެހޭ، ފެނާ ނަރުދަމާގެ ވާހަކަތައް ހަނދާން ނެތިފައި ޒުވާނުންނަށް ބޭނުންވާ ކަންކަމުގެ މަތިން އަމުދުން ހަނދާން ނެތިފައި، ރާއްޖެއިން ބޭރަށް ދަތުރު ކުރާ އާއިލާތަކަށް ފަސޭހަ ކުރުމަށް ސިއްހީ ދާއިރާ ތަރައްގީ ކުރާ ވާހަކަ ދެއްކުމުގެ ބަދަލުގައި އެއަށް ވުރެ މޮޅުވެގެން ގޮސް ދެ ރިސޯޓަކާއި ލެޕްޓޮޕަކާ ހިފައިގެން ރާއްޖެއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދޭނެ ވާހަކަދައްކާ ނަމަ މިއީ ނުބައްދަލު ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ތިން ސުވާލުގެ ތެރެއިން އެންމެ ސުވާލަކުން ވެސް ފެއިލް ވެއްޖެ ނަމަ އެ މީހަކާ ދިވެހި ވަންތަ އުސޫލުތަކަކާ ނުގުޅޭނެ ކަމަށާއި އިސްލާމީ އަގީދާއާ ބީރައްޓެހި ކުރުވާ ފަދަ ބޭފުޅަކަށް އެމީހަކު ވެގެންދާނެ ކަމަށެވެ. އެހެންކަމުން ވޯޓު ފޮއްޓާ ހަމަޔަށް ދިޔުމުގެ ކުރިން އެ ސުވާލުތަކާ މެދު ވިސްނާލައިގެން ގޮސްފި ނަމަ ވޯޓުލާން ފަސޭހަ ވެގެންދާނެ ކަމަށެވެ.
2018 ގައި ހޮވާނެ ވެރިޔަކު ދެނެގަންނާނެ ފޯމިއުލާއެއް ރައީސް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ