"ކުށެއްގެ ތުހުމަތު"ގައި މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ނޫސްވެރިންގެ ބައްދަލްވުމެއްގައި ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
މައުމޫން ހަމީދަށް ފުލުހުން މިއަދު ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ މާދަމާ ރޭ 22:00ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާކަމަށެވެ. އެ ޗިޓްގައި ބުނެފައިވާގޮތުން މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވެނީ "ކުށެއްގެ ތުހުމަތަށެވެ".
އެއީ 2018 ފެބުރުއަރީ 13 ވަނަ ދުވަހުގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލްކޮށް ދެއްވި އިންޓަވިއުއެއްގައި، ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެއްކާއި ބެހޭގޮތުން ދޮގު މައުލޫމާތުތަކެއް މައުމޫން ހަމީދު ދީފައިވާ މައްސަލައައާއި ގުޅިގެންކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ނޫސްވެރިންގެ ބައްދަލްވުމެއްގައިވެސް އަދި އެ ނޫން ބައްދަލްވުމެއްގައިވެސް ދޮގު މައުލޫމާތުތަކެއް ފޯރުކޮށްދީފައިނުވާނެކަމަށާ އަބަދުވެސް ހާމަކުރައްވަމުން ގެންދަވަނީ ތެދު މައުލޫމާތުކަމަށެވެ.
މައުމޫން ހަމީދުގެ މައްޗަށް ކުށެއްގެ ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު، މައުމޫން ހަމީދު ގެންދަވަނީ ސަރުކާރުން ކުރާ ދެކޮޅު ނުޖެހޭ ކަންތަކާއި ގުޅޭގޮތުން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބައެއް ކަންކަމުގައި ހުރި ގާނޫނީ މައްސަލަތަކާއި، ސަރުކާރުގެ އިސްވެރިން ދައްކަވާ ބައެއް ވާހަކަތަކާއި ޗެލެންޖްކުރައްވާ ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރުން ޖަލަށްލާ ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ގާނޫނީ ވަކީލުންގެ ޓީމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ މައުމޫން ހަމީދެވެ. މައުމޫން ހަމީދު މިގެ ކުރިން ވަނީ ރައީސް މައުމޫންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކާއި ގުޅިގެން ފުލުހުން ދައްކާ ވާހަކަތަކުގައި ހުރި ދެކޮޅު ނުޖެހޭ ބައެއްކަންކަންވެސް މީގެ ކުރިން މީޑިއާތަކުގައި ހާމަކުރައްވާފައެވެ. އަދި ފުލުހުންގެ ތަހުގީގުގައި އިހުމާލުކޮށްފައިވާ ބައެއް ކަންކަމާއި، ފުލުހުންގެ ތަހުގީގުތަކުން ހާމަވާ ކަންކަމުގައި ހުރި ގާނޫނީ މައްސަލަތައްވެސް މައުމޫން ހަމީދު ވަނީ މީޑިއާތަކާއި އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ