ރައީސް މައުމޫނު ސަރުކާރަށް ކުރެއްވި ތާޢީދު ގެންދަވައިފި

މި ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވިކަމަށް ވިދާޅުވެ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމް މިރޭ ވާހަކަފުޅުދައްކަވައިފިއެވެ. 
މިރޭ ރައީސް މައުމޫނު ޝީ ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސަރުކާރަށް ކުރައްވާ ތާޢީދު އަނބުރައި ގެންދެވި ނަމަވެސް ޕީޕީއެމްގެ ހިންގުން ހަރުދަނާކުރެއްވުންމަތީ އެޕާޓީގައި ހުންނަވާނެކަމަށެވެ. އަދި ރާއްޖޭގައި އޮތް ސައްޙަ މެމްބަރުންގެ ޢަދަދު އެންމެ ގިނަ އެންމެ ވަރުގަދަ ޕާޓީއަކީ ޕީޕީއެމްކަމަށާ، އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް އެޕާޓީ ކުރިއަށްދާނެކަމަށެވެ. 
މިރޭ ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅުގައިވަނީ ސަރުކާރަށާއި، ރައްޔިތުންގެ މަޖިލީހަށް އަދި ރާއްޖޭގެ ޝަރުޢީ ނިޒާމަށްވެސް ފާޑުވިދާޅުވެފައެވެ. މީގެއިތުރުން ސިޔާސީ ޕާޓީތައް ހިންގުމާއި ސިޔާސީ ޙަރަކާތްތައް ބޭއްވުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި ބޮޑެތި ކުށްތައް ސާބިތުވެ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުންދާ، ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނަށް އިޝާރާތްކުރައްވައި އެބޭފުޅުން ތިއްބެވީ ސިޔާސީ ޙަރަކާތްތައް ހިންގުމުން މަޙްރޫމް ކުރެވިފައިކަމަށް މިރޭ ރައީސް މައުމޫނު ވިދާޅުވިއެވެ. 
ޕީޕީއެމްގެ އެތެރޭގައި މިވަގުތު ދިމާވެފައިވާ ބައެއް މައްސަލަތަކަށް އިޝާރާތްކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމް ހިންގެވުމުއި ކުރިއަށް އޮތްތަނުގައިވެސް އެމަނިކުފާނު އިސްކޮށް ހުންނަވާނެކަމަށެވެ. 
ރައީސް މައުމޫން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. 
އެހެންނަމަވެސް ރައީސް މައުމޫނަށް ތާޢީދު ކުރައްވާކަމަށް މިއަދު ޢިއުލާންކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ