މުވައްސަސާތަކުން ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް މައުމޫން ގޮވާލައްވައިފި

ކޮންމެ މުވައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
މައުމޫން މިގޮތަށް ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމާގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ ދެމެދު ކޯޅުންގަނޑެއް އުފެދިފައިވަނިކޮށެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނު އަސާސީ ތަންދޭ ގޮތެއްގެ މަތިން އަދި އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލާ ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަންގެ މައްސަލަ ވަަރަށް ހޫނުވެފައިވާއިރު، އޭނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑު ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޢައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ވިދާޅުވެފައެވެ.
އަދި މިއަދު ރައްޔިތުންގެ މަޖިލީސް އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެ ރިޕޯޓް ފާސްކޮށްފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ