އެމްއާރްއެމްގެ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް މައުމޫން، ރައީސް ސޯލިހަށް އަރުވައިފި

ސަރުކާރު ހިންގުމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށް އެ ޕާޓީގެ ބާނީ، ކުރީގެ ރައީސް މައުމޫން އަބްދުލްްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
އެ ބައްދަލުވުމަށްފަހު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކުރުން ކުރިއަށްދާއިރު، އެ ޕާޓީގެ ފަރާތުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އެރުވި ކަމަށެވެ.
އޭގެ އިތުރުން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މައުމޫންގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ފެއްޓެވި އިސްލާހީ ހަރަކާތް، މައުމޫން ރިފޯމް މޫވްމަންޓް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން މައުމޫން ނިންމެވީ، ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.
އެއާއެކު މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު މައުމޫންގެ ފަރާތްޕުޅުން އެމްއާރުއެމްގެ މުއައްސިސްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއާ އިލެކްޝަން ކޮމިޝަން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް އީސީން ދިން މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް އެ ހުއްދަ ބާތިލް ކުރަން ޑރ. ހަސަން ހުށަހެޅުއްވިއެވެ. އަދި ޔުމްނާ މައުމޫންގެ ނަމުގައި އެމްއާރުއެމް އުފެއްދުމުގެ އާ ހުއްދައެއް އީސީން ހޯދިއެވެ.
އަދި އެމްްއާރްއެމް އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކޮށް، މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ވަނީ ފޯމްތައް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ