ބަރެސްދޫ ބެލެހެއްޓުމަށް ބަޔަކު ހޯދަނީ

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ)އިން ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ގަސްތުކޮށްފައިވާ ލ. ބަރެސްދޫ، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.
އެމްއައިޓީޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މައުލޫމާތު ސާފުކުރެއްވުމަށް މިމަހުގެ 30 ވަނަ ދުވަހުގެ 10:00 އަށް ވަޑައިގެން ދެއްވުމަށާއި އަދި އަންދާސީ ހިސާބު ހުށަހެޅުން އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ 10:00 އަށް އެމްއައިޓީޑީސީގެ އޮފީހަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
އެމްއައިޓީޑީސީން ބުނީ، އެ މަސައްކަތުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް، ކުންފުނި) ތަކަށް އެކަނި ކަމަށެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެމްއައިޓީޑީސީން ބުނެއެވެ.
އިންޓަގްރޭޓަޑް ޓޫރިޒަމް ތައާރަފް ކުރުމަށްޓަކައި ބަރެސްދޫ ކުރެހުންތަކަކާއި މޮޑަލްތަކެއް ހަދައިގެން، ނިމިދިއަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮރަޕްޝަނާއި ހިޔާނާތުގެ ކަންތައްތަކެއް ތުހުމަތު ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.
އެމްއައިޓީޑީސީންނާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބަރެސްދޫ ޕްރޮޖެކްޓަށް އިންވެސްޓް ކުރި މީހުންނަށް ދޭންޖެހޭ ފައިސާގެ އަދަދު ތިން މިލިއަން ޑޮލަރަށް އަރާކަން ހާމަވެފައިވެއެވެ.
ތިންހާސް އެނދުގެ ޖާގައިގެ ބަރެސްދޫ ޕްރޮޖެކްޓަކީ ގެސްޓްހައުސް ތަކާއި ރެސްޓޯރެންޓް ތަކާއި ކެފޭތަކާއި ތިއޭޓަރ، ޑައިވް ސެންޓަރ ތަކާއި ޓޫރިސްޓުންނަށް ބޭނުންވާނެ ހިދުމަތްތައް ދިނުމަށް ތަރައްގީ ކުރަން އުޅުނު ރަށެކެވެ. އެރަށާއި އިންވެގެން އޮންނަ މަހަކަންފުއްޓާއި އެކު ގުޅުވާލައިގެން ސްޕާއެއް ވެސް ތަރައްގީ ކުރުމަށް ނިންމިއެވެ.
2016 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ފެށި އެމަޝްރޫއު އެކިފަރާތްތަކަށް ދީގެން އެރަށް ތަރައްގީކޮށް ނިންމުމަށް ކަނޑައެޅީ 18 މަސް ދުވަސް ތެރޭގައެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ހޭދަކޮށްފައި ހުރި ގޮތުން އެ މައްސަލަތައް އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ. އެގޮތުން އޭސީސީ އިން ބުނީ އެ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީއަށް ދައްކާފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ