ދީނަށް ފުރައްސާރަކުރުމުގެ ފުރުސަތެއް ރައީސް ނުދެއްވާނެ: ގާސިމް

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މި ގައުމުން އިސްލާމްދީން ފުހެނުލެވޭނެ ކަމަށާއި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ރައީސް ސޯލިހު އެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
އަދި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ވަރަށް ގިނަ ފަރާތްތަކެއް އެބަަތިބި ކަމަށާއި އޭގެތެރެއިން އަމަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފުލުހުންގެ ފަރާތުން މިހާރު ވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ރައްޔިތުން އެކަމާ ކަންބޮޑު ނުވުމަށާއި މިގައުމުން އިސްލާމްދީން ފޮހެއެއް ނުލެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
''ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ވާޖިބާއި ފަރުލާއި ސުންނަތް އެބޭފުޅާ އަދާނުކުރައްވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެންހޭ މިތިބީ، ނޫން އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެފަދަ ފުރުސަތެއް މިރާއްޖޭގެ އެއްވެސް މީހަކަށް ނުވަތަ އެއްވެސް ޖަމިއްޔާއަކަށް ވިޔަސް ނުދެއްވާނެކަން. އެކަމާމެދު އަޅުއްވަންވީ ފިޔަވަޅު އެމަނިކުފާނު އަޅުއްވާނެ. ނަމަވެސް ވިސްނުންތެރިކަމާއި ސާބިތުކަމާއެކު އެކަންކަން ކޮށްދެއްވާނެކަން ސާބިތުކޮށްދެއްވަމުން އެގެންދަވަނީ،'' ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެކަމާ ކަންބޮޑުވެގެން ގައުމުގައި ފަސާދަ އުފައްދަން ނުޖެހޭ ކަމަށާއި އެ ހިސާބަށް ކަންކަން ގެންދިއުމަކީ އަނެއްކާވެސް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.
އަދި ރާއްޖޭގައި އިސްލާމްދީން ގަބޫލުކުރާ ބަޔަކު ތިބެދާނެ ކަމަށާއި ނަމަވެސް އެއީ ދިވެއްސަކަށް ވެގެން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ކަމެއް ކުރާއިރު އެއީ ދިވެއްސެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެފަދަ ހާލަތަކަށް އެމީހަކު ދާއިރު އެއީ ދިވެއްސެއް ހެއްޔޭ؟ ... ގާނޫނުއަސާސީގައި އެބަ ބުނޭ ގާނޫނުއަސާސީގެ އަސްލަކާ ހިލާފުވާ ގޮތަށް ގާނޫނުއަސާސީގެ ރޫހުން ބޭރުން ކީރިތި ޤުރުއާނާ ސުންނަތުގެ ބޭރުން ގާނޫނެއް ހަދައިގެން ނުވާނެ ކަމަށް. މިހެން މިކަން ބުނެފައި އޮއްވާ ދެން މީހަކު ދައްކާ ވާހަކައަކުން ދެން އަޅުގަނޑުމެން ނުކުމެ ރަށުތެރެ ފަސާދަ ކުރަން ނުކުތުމަކީ ތާކުންތާކު ޖެހޭކަމެއް ނޫން. އެއުޅެނީ ކީއްވެގެންތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ