އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، އެގައުމުގެ ޕާލަމެންޓް ރޫޅާލެއްވި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އަލުން ފަށައިފިއެވެ.
މިހާރު މުޅި ޕާކިސްތާނުގެ ނަޒަރު ހުއްޓިފައިވަނި ސުޕްރީމް ކޯޓަށެވެ.
މައްސަލަ ކޯޓަށް ވައްދާފައިވަނީ އިދިކޮޅު ޕާޓީތަކުންނެވެ. އެކި ޕާޓީތަކުން ވަކިވަކިން މައްސަލަ ވައްދާފައި ވެއެވެ.
އެމީހުން ސުވާލު އުފައްދަނީ، ޕާލަމެންޓް ރޫޅާލައި، އަވަސް އިންތިޚާބަކަށް ގޮވާލެއްވުމުގެ ގާނޫނީ ބާރު އިމްރާން ޚާނަށާއި، ޚާންގެ ބައިވެރިންނަށް އޮތްކަމާ މެދުގައެވެ.
އިދިކޮޅުގެ ހުށަހެޅުން ބަލަމުން ގެންދަނީ ސުޕްރީމް ކޯޓުންގެ 5 ފަނޑިޔަރުންގެ ބެންޗަކުންނެވެ.
ބޮޑުވަޒީރު އިމްރާން ޚާންގެ އެދިވަޑައިގަތުމަށް ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ ޕާލަމެންޓް ރޫޅާލެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އޭގެކުރިން، ޕާލަމެންޓުގެ ނައިބް ގާސިމް ސޫރީވަނީ، ބޮޑުވަޒީރު އިމްރާންއާ ދެކޮޅަށް ހުށަހެޅުނު އިތުބާރުނެތް ކަމުގެ މައްސަލަ ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް ބޭރުކޮށްލާފައެވެ.
އޭނާ މައްސަލަ ބޭރު ކޮށްލެއްވީ، އެއީ ގާނޫނާ ޚިލާފް ވޯޓެއްކަމަށް ވިދާޅުވެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، ޕާލަމެންޓުގެ ނައިބް މައްސަލަ ބޭރުކޮށްލީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮވެގެން ނޫން ކަމަށާއި، އެކަން ކުރެއްވީ އިމްރާން ޚާން ވެރިކަމުގައި ބެހެއްޓުމުގެ ރޭވުމެއް ކަމަށެވެ.
އެހެންވެ، އިދިކޮޅު ޕާޓީތަކުންވަނީ ނައިބްގެ މައްސަލަވެސް ސުޕްރީމް ކޯޓަށް ވައްދާފައެވެ.
އެންމެންވެސް މިހާރު އިންތިޒާރު ކުރަމުންދަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށެވެ.
އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު އިމްރާން ޚާން ގޮވާލައްވާފައިވާއިރު، ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ތިންމަސް ދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ބޭއްވުމުގެ ގާބިލްކަން އެކޮމިޝަނަށް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ