ކުނި އަންދައިގެން ކަރަންޓު އުފައްދަން އަބޫދާބީން ހަ މިލިއަން ޑޮލަރުގެ ލޯނެއް

ރާއްޖޭގައި ކުނި އަންދައިގެން ކަރަންޓު އުފައްދާ މަޝްރޫއަށް ބޭނުންވާ ނިޒާމު ގާއިމްކުރުމަށް އަބޫދާބީ ފަންޑުން ހަ މިލިއަން ޑޮލަރު، ނުވަތަ 22 މިލިއަން ޔޫއޭއީ ދީނާރުގެ ލޯނުގެ އެހީއެއް ދީފި އެވެ. ލޯނު އެގްރީމެންޓުގައި ސޮއިކުރުމަށް އަބޫދާބީގައި ހުންނަ އަބޫދާބީ ފަންޑުގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ. އެ ލޯނުގެ ދަށުން އައްޑޫ، ރ. ވަންދޫ އަދި ހދ. އަތޮޅުގެ ރަށްރަށުގައި ކުނި ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމު ގާއިމުކުރެވޭނެ އެވެ. މަޝްރޫއު ފަށާތާ ފަސް އަހަރު ދުވަސް ފަހުން ފައިސާ ދައްކަން ފަށަންޖެހޭ ގޮތަށް ދޫކޮށްފައިވާ މި ލޯނަކީ ދެ ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއް ހިމެނޭ ލޯނެކެވެ. މި ލޯނު 20 އަހަރު ދުވަހުގެ ތެރޭ ދައްކައި ނިންމަން ޖެހޭއިރު، އިންޓަރެސްޓުގެ އިތުރަށް ލޯނުގެ 0.5 އިންސައްތަ އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މަޝްރޫގެ މަސައްކަތް އަމަލީގޮތުން ފަށާނެ ދުވަހެއް ސަރުކާރުން އަދި ހާމައެއްނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ