ފަނޑިޔާރުން ރިޝްވަތު ނުހިފާ ކަމަކަށް ނުބުނެވޭނެ: ގާޒީ ޝުޖޫން
ފަނޑިޔާރުންނަކީ ރިޝްވަތު ނުހިފާ ބައެއް ކަމަށް ނުބުނެވޭނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަންކުރި ދެ އަންހެން ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެއް ކަމަށްވާ ޝުޖޫން އެގޮތަށް ވިދާޅުވީ މިއަދު އެމްބީސީން ގެނެސްދިން "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ފަނޑިޔާރުން ރިޝްވަތު ހިފާ ކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ހޭޔަންބޯގެ ޕްރެސެންޓާ އަހުމަދު ޝަކީބް ސުވާލު ކުރުމުން ޝުޖޫން ވިދާޅުވީ ރިޝްވަތު ހުށަހަޅާ ބަޔަކު ތިބެންޏާ އެ ހިފާނެ ބަޔަކު ވެސް ތިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، އެއްވެސް ފަނޑިޔާރަކު ރިޝްވަތު ހިފާ ކަމަކަށް ނުވަތަ ނޫން ކަމަކަށް ވެސް ވިދާޅު ނުވެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނަށް ލިބޭ މުސާރަ އާއި ދިރިއުޅުމުގެ ކަންކަމަށް ބަލާއިރު އެފަދަ ކަމެއް ނުހިނގާނެއޭ ވެސް ވިދާޅު ނުވެވޭނެ ކަމަށް ވެސް ޝުޖޫން ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެންނަށް ލިބޭ މުސާރަ އާއި ކުރަންޖެހޭ މަސައްކަތާ އަޅާބަލާއިރު، މުޅި ލައިފަށް ސެޓްވާ ކަހަލަ ކަމަކަށް ވަންޏާ ދެން ވަރަށް އެޕީލިން އެއްޗަކަށްވާނެ. އެހެންވީމާ ކޮންމެވެސް ވަރެއްގެ ހަގީގަތްތަކެއް ނެތެކޭ ވެސް ނުވެސް ނުދެންނެވޭނެ. އެއީ އަޅުގަނޑަށް ވެސް އެކަހަލަ ކަމެއް ދިމާވީމަ،" ޝުޖޫން ވިދާޅުވި އެވެ. ޝުޖޫންގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ މައްސަލައެއް ވަކިކޮޅަކަށް ނިންމަން ފަސް މިލިއަން ޑޮލަރު )77 މިލިއަން ރުފިޔާ( މީހަކު ހުށަހެޅި ކަމަށާއި ނަމަވެސް އެ ފައިސާގައި ހިފުމަށް ދެކޮޅު ހެއްދެވި ކަމަށެވެ. "އަޅުގަނޑު ކުޑަކޮށް ރުޅިއައިސް ހަޅޭއްލަވައިގަތީ، ދެން އެ މީހާ ދިޔައީ،" ޝުޖޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތްތަކާ ގުޅިގެން ކޮންމެވެސް ބައެއްގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަމަށާއި އެއީ އަބަދުވެސް އެކަން އޮންނާނެ ގޮތް ކަމަށެވެ. ނަމަވެސް ފަނޑިޔާރުން އަބަދުވެސް ބަލަނީ ހުށަހެޅޭ ކަންތައްތަކުގެ މައްޗަށް އެކަނި ކަމަށް ވިދާޅުވި އެވެ. ޝުޖޫންގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ މައްސަލައެއްގައި ހުކުމްކުރާ ވަގުތަކީ ވަރަކަށް އެކަނިވެރިކަން އިހުސާސް ކުރެވޭ ވަގުތެއް ކަމަށެވެ. އަދި ހުކުމްކުރުމަށް ފަހު އުނދަގޫ ވަންޏާ އެއީ "މައްސަލައެއް" ކަމަށް ވިދާޅުވި އެވެ. "ހުކުމްކުރާނީ ކުރިމަތީގައި އޮންނަ ކަންކަމަށް. އެހެންވީމާ އެހެން ހުކުމްކުރާއިރު ހަގީގަތުގައި ވެސް އެ މީހުންނަށް އިންސާފު ދެވުނީބާއޭ ބައެއް ފަހަރު ހިތަށް އަރާ. އެކަމަކު އަޅުގަނޑުގެ ކުރިމަތީގައި އަދި ގާނޫނުގެ ކުރިމަތީގައި އެއީ އެކަން އޮތް ގޮތަކީ،" ޝުޖޫން ވިދާޅުވި އެވެ. ޝުޖޫން ވިދާޅުވީ އޭނާ އެ މަގާމާ އޭނާ ހަވާލުވެ ވަޑައިގަތީ އެއީ އަންހެނުންނަށް ވެސް ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށާއި މިހާރު އެކަން ހާސިލް ކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ ޝަރުއީ ދާއިރާ ދޫކޮށްލެއްވުމުގެ ވިސްނުމެއް މިހާރު ބައެއް ފަހަރު ގެންގުޅުއްވާ ކަމަށް ޝުޖޫން ވިދާޅުވި އެވެ. ޝުޖޫނަކީ 2007 ވަނަ އަހަރު ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ ސިވިލް ކޯޓަށް ހުށަހެޅުނު ފާހަގަކުރެވޭ ބޮޑެތި މައްސަލަތައް ބައްލަވާ ނިންމާފައިވާ ބޭފުޅެއް ވެސް މެ އެވެ. ފަނޑިޔާރުން ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. މިހާރު އަމަލުކުރަމުންދާ ފަނޑިޔާރުންގެ ގާނޫނު ވުޖޫދަށް އައި ފަހުން އެކަން އޮންނަނީ ވެސް ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ