ސަރުކާރު ހިމާޔަތްކުރަން ރައީސް ޔާމީން ވިދާޅުވާ ކޮންމެ ކަމެއް ކުރަން ތައްޔާރު: ގާސިމް

ސަރުކާރު ހިމާޔަތް ކުރަން، ގާނޫނީ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ކޮންމެ ކަމެއް ކުރައްވަން ސާބިތުކަމާ އެކު ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާއާ ގުޅޭ ގޮތުން، ރައީސް ޔާމީންގެ ކެމްޕެއިންގެ ސޯޝަލް މީޑިއާ ގުރޫޕް "އަސުރުމާ" ޕޭޖަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ އޭނާގެ ވެސް ތާއީދާ އެކު ކަމަށް ވާތީ، "މި ނިކަމެތިކަމުގައި" ގޮސް، ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރުތައް ގެންދަން ބޭނުން ނުވާ ކަމަށެވެ. ގާސިމްގެ ވީޑިއޯ މެސެޖް "ނިކަމެތިކަމުގައި" ކަމަށް ގާސިމް އިޝާރާތް ކުރައްވަނީ ބެލެވޭ ގޮތުގައި، ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާ އަށެވެ. ގާސިމް ވިދާޅުވީ ސަކާރު ހިމާޔަތްކުރަން "އަޅުގަނޑަށް ވެވުނު އިހުލާސްތެރި މަސައްކަތެއް" ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން ހޮވާފައި ހުރި ވެރިއެއްގެ ފުރާނަފުޅަށް ގެއްލުން ދީގެން ކަމެއް ކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫނެވެ. "އެހެންވީމާ އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑު އިހުލާސްތެރި ޝުއޫރުތަކެއް ރައީސް ޔާމީނާ މެދުގައި އަދި މި ސަރުކާރާ މެދުގައި އުފެދިފައި އެބަހުރި،" މާމިގިލީ ދާއިރާގެ ގާސިމް ވިދާޅުވި އެވެ. ރައީސް ޔާމީން އަދި ސަރުކާރަށް ގާސިމްގެ ތާއީދު އޮތްކަން އޭނާ ހާމަކުރައްވަން ފައްޓަވާފައި މި ވަނީ، ސަރުކާރާ ދެމެދު ހިތްހަމަނުޖެހުންތަކެއްގައި ދުވަސްތަކެއް އުޅުއްވުމަށް ފަހު އެވެ. ފޮޓޯގެލަރީ: ރައީސް މެމްބަރުންނާ ބައްދަލުކުރެއްވުން 14 ފޮޓޯ ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިއްސާ ކުރައްވަން ރައީސް ޔާމީން މި މަހުގެ 12 ވަނަ ދުވަހު މުލީއާގޭގައި ބޭއްވި ބައްދަލުވުމުގައި ވެސް ގާސިމާއި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އަދި ލޯންޗްކޮޅުގައި ގޮއްވި ހާދިސާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާއިރު، ގާސިމް ވަރަށް ގިނައިން އެތަނަށް ވަޑައިގެން ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ވަގުތު ހޭދަކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ