މަޝްވަރާތަކަށް ޖުމްހޫރީ ޕާޓީ ތައްޔާރު: ގާސިމް

ގައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށް ސަރުކާރާ އެކު މަޝްވަރާކުރަން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ގާސިމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާކުރުމަށް ރައީސް ޔާމީން މިއަދު ގޮވާލެއްވުމުން ކުރެއްވި ޓުވީޓެއްގަ އެވެ. "ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށް މަޝްވަރާކުރަން ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވީތީވެ މަރުހަބާ ދަންނަވަން،" ގާސިމް ވިދާޅުވި އެވެ. މޭޑޭގައި ކުރި މުޒާހަރާއާ ގުޅިގެން ގާސިމް ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފައިވާ ކަމަށް ދައްކާ ވާހަކަތަކަށް ވެސް އޭނާ ވަނީ ރައްދު ދެއްވައިފަ އެވެ. އަޑު ފެތުރިފައިވާ ގޮތުގައި، ގާސިމް ހައްޔަރުކުރަނީ މުޒާހަރާ އަށް ހަރަދުކުރި ކަމުގެ ތުހުމަތުގަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާ މި ވަގުތު ތައިލެންޑުގައި ހުންނެވީ އާގު ބޯޓެއް މަރާމާތުކުރަން ޖެހިގެންނެވެ. މުޒާހަރާ އަށް އޭނާ ފަންޑުކުރި ކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. "އަޅުގަނޑު ހައްޔަރުކުރަން ކޯޓު އަމުރު ނެރުނު ކަމަށް ބުނަނީ 1 މޭ ގެ ރެލީ އަށް ހަރަދުކުރި ކަމަށް ބުނެ. ކުރިން ވެސް ބުނި ފަދައިން ހަރަދެއް ނުކުރަން،" ގާސިމް ވިދާޅުވި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން މަޝްވަރާގެ ފުރުސަތު އަލުން ހުޅުއްވާލެއްވީ ގާނޫނީ އިމުގެ ތެރެއިން މަޝްވަރާ ކުރި އަށް ގެންދިއުމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ‏‏ލާބަ އާއި ފައިދާއަށްޓަކައި ‏‏ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ޤާނޫނީ ތަރަހައިގެ ‏‏ތެރެއިން ‏‏މަޝްވަރާގެ ދޮރުތައް އަބަދުވެސް ހުޅުވިފައިވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ