ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް އިންތިހާބުވެ ވަޑައިގަންވާ މެންބަރުން، އިންތިހާބުވުމަށްފަހު އެ މެންބަރެއްގެ ޕާޓީ އެހެން ޕާޓީއަކަށް ބަދަލު ކުރެއްވި ނަމަވެސް އެ ބޭފުޅެއްގެ ކައުންސިލަރު ކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އިބްރާހިމް ރިޒާއާއި ގާނޫނީ ވަކީލް ޝަހީމް އަހުމަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު ތަދުއްހުލުވި މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމުގައި ބުނަނީ ކައުންސިލަރުން އިންތިޚާބުވާއިރު އެ މެންބަރަކު ހުންނެވި ސިޔާސީ ޕާޓީ ފިޔަވައިން އެހެން ޕާޓީއަކަށް ބަދަލުވެ ވަޑައިގަތުމުން ކައުންސިލަރު ކަމުން ވަކިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފު އިސްލާހެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ބުނާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާއަށް އިތުރު ކުރި އަކުރު (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައި އިންތިޚާބުވި އިރު ޕާޓީން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކި ކުރުމަކީ ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ކަމެއް ކަމަށެވެ. އަދި އެކަން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތު ފަނޑިޔާރުން އިއްތިފާގުވި ކަމަށެވެ.
މި ހުކުމް ސުޕްރީމް ކޯޓުން އިއްވުމުން އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާއަށް އިތުރު ކުރެވުނު އަކުރު (ބ) ބާތިލް ވީ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިގޮތަށް ނިންމި އިރު ހއ. ފިއްލަދޫ ކައުންސިލްގެ ޑީއާރްޕީ މެންބަރަކު އެމްޑީޕީއަށް ސޮއިކުރުމުން އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި އެ ކައުންސިލްގެ ބައި އިލެކްޝަނެއް ކުރިން ވަނީ ބާއްވާފަ އެވެ.
ޕާޓީ ބަދަލު ކުރިޔަސް ކައުންސިލަރުންގެ ގޮނޑިއެއް ނުގެއްލޭނެ: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ