ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އަމިއްލަފުޅަށް ކުށް ކުރެއްވުމަށް ފަހު ކުށަށް ފިއްލަވައިވަޑައިގަންނަވަން ކަމަށާއި އެހެން ނަމަވެސް އެކަން ރައީސް ނަޝީދަށް ނުކުރެއްވޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ބާއްވާ ހަފުތާ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދު އެ އުޅުއްވަނީ އަމިއްލަ އަށް ކުށްކޮށްގެން އޮވެ ކުށަށް ފިލައްވަން ކަމަށާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އޭނާ އަށް ޓަކައި ތަބައެއް ނުވެވޭނެކަމަށެވެ. އަދި ކިތަންމެ ބަޔަކު ރުޅި އަޔަސް ގާނޫނު އަސާސީ އަށް ވުރެ މަތީގައި ހަމަ އެކަކަށް ވެސް ނުހުރެވޭނެކަމަށެވެ.
"އޭނާއަށް ޖެހޭނީ ގާނޫނުގެ ކުރިމައްޗަށް ދާން. މިއީ ދުނީޔޭގެ ޑިމޮކުރެޓިކް ގައުމުތަކުގައި ކަން ހިނގާފައި އޮތް ގޮތް،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ ގާނޫނުގެ ދިގު އަތް އެންމެންނާ ދިމާލަކަށް ވެސް ފޯރާނެ ކަމަށާއި ގައުމެއް ނުވަތަ ތަނެއް ކުރިއަރައިގެން ދާނީ އެތަނެއްގައި އިންސާފު ގާއިމް ކުރެވިގެން ކަމަށެވެ.
ގާސިމް ވަނީ ރައީސް ނަޝީދުގެ ކެބިނެޓްއެއްކޮށް އިސްތިއުފާ ދިނުމަށް ފަހު ގާސިމް ހައްޔަރުކުރުމުގެ ކަންތައްތައް ކުރި ގޮތް ވެސް ސާފުކޮށް ދެއްވާފައެވެ. ގާސިމް ވިދާޅުވިގޮތުގައި އެއް ފަހަރާ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވީ ގާސިމް ހައްޔަރުކޮށް އުމުރު ދުވަހު ޖަލުގައި ބޭއްވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވީ ގާސިމް ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި ނަމަވެސް ހެޔޮކަމެއް ކޮށްދިން މީހާއަށް ތެޔޮ ހަމެއް ލިބޭނެ ބުނާ އުސޫލުން ގާސިމަށް ލިބިވަޑައިގެންނެވީ ތެޔޮ ހަމެއްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ މެމްބަރެއްގެގޮތުގަ އެވެ.
ޖޭއެސްސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ވަނަ މާއްދާގެ ހަތެއްގައި ބުނެފައިވަނީ "މެމްބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވަހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެމްބަރެއްގެ މުސްތަޤިއްލު ކަމާމެދު ސުވާލި އުފެދޭ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއްނުކުރުމާއި ކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއްނުކުރުން" އެވެ.
ކުށަށް ފިއްލަވައިގެން ރައީސް ނަޝީދަށް ނޫޅުއްވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ