"އަޅުގަނޑު މިހުރީ ޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރަށް"

ގައުމަށާ ދިވެހި ރައްޔިތުންނަށް އުފަލާ މިނިވަންކަން ގެނެސްދިނުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެވަޑައިގަތުމަށްވެސް ހުންނެވީ ތައްޔާރަށް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗްގައި މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސި އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ކޮންމެ ޕާޓީއަކާއެކުވެސް ކޯލިޝަން ހެއްދެވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
އަދި މިހާރުވެސް ބައެއް ޕާޓީތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަން ހާމަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ އެގޮތުން މިހާތަނަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދާއި އަދި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާއިއެކު މަޝްވަރާތައް ބޭއްވިފައިވާ ކަމަށެވެ.
ގާސިމް އިބުރާހިމް ވިދާޅުވީ ކޯލީޝަން ހެދުމަށް ވާހަކަދައްކަން ތިބި ކޮންމެ ބަޔަކާއެކުވެސް ވާހަކަ ދައްކާނެ ކަމަށާއި އެކަމަކު އެމަޝްވަރާތައް ވާންވާނީ ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި މަޝްވަރާތަކަކަށް ކަމަށެވެ.
އެމަޝްވަރާތަކަކީ ވާހަކަ ދައްކާލުމަށްފަހު އުވިގެންދާ ވާހަކަތަކަކަށްވާނަމަ އެއީ ޖުމުހޫރީ ޕާޓީން ނުކުރާނެ ކަމެއް ކަމަށާއި ކޯލިޝަން ހަދާ ފަރާތާއިއެކު ވެވޭ އެއްބަސްވުންތަކަކީ އެއެއްބަސްވުމުގެ މުއްދަތު ހަމަވުމާ ހަމައަށް ދެފަރާތުން އިހުތިރާމް ކުރާ އެއްޗަކަށް ވާންޖެހޭނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ މިރޭގެ ޖަލްސާގައި އެޕާޓީއަށް ސޮއިކުރެއްވި ބޭފުޅުންނާއި ގުޅޭގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ މެންބަރު އިލްހާމް އާއި އޭނާގެ އަނބިކަނބަލުންނާއި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީންއާއި އަދި އެހެން ބައެއް ދާއިރާ ތަކުންވެސް ފާހަގަކޮށްލެވޭ ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި އެއީ ޖުމްހޫރީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާ އެއީ ޖުމުހޫރީ ޕާޓީގެ މިސްރާބު ރަނގަޅުކަން ދައްކުވާއިދޭ އަލިގަދަ ހެއްކެއް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީން ފަސާދައާއި ހަމަނުޖެހުމަށް ދާން ނޭދޭ ކަމަށާ، ޤައުމަށް ފައިދާ ހުރި ގޮތަށް ކޯލީޝަން ހަދަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާއިއެކުވެސް ކޯލީޝަން ހެދިދާނެ ކަމަށެވެ.
މިޖަލްސާގައި ޤާސިމް އިބްރާހިމް ވަނީ އެމްޑީޕީއަށް އަމާޒުކޮށް ބައެއް ވާހަކަފުޅުތައް ދައްކަވާފައެވެ.
އެގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ އެމްޑީޕީއަކީ 42 މީހުން ސޮއިކޮށްގެން އުފެއްދި ޕާޓީއެއް ކަމަށާ، އެޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ އެމަނިކުފާނު ކަމަށެވެ. އަދި އެޕާޓީން އެންމެ ފުރަތަމަ އެކުލަވާލި އަސާސީ ޤަވައިދަކީ އެމަނިކުފާނު ފަންޑު ކުރައްވައިގެން ކުރީގެ ބަންޑާރަނައިބު ޙުސްނުއްސުއޫދުއާއި މިހާރުގެ ޕްރޮސެކިއުޓާ ޖެނަރަލް އަޙްމަދު މުއިއްޒު އެކުލަވާލައްވާފައިވާ އަސާސީ ޤަވައިދެއް ކަަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގައިވެސް ވަރަށް ރަގަޅު ބޭފުޅުން އެބަ ތިއްބެވި ކަމަށާ، ނަމަވެސް ވެރިކަމުގައި އަމަލުކުރައްވާފައިވާ ގޮތަށް ޤައުމުގެ ހަރުމުދާތައް ވިއްކާ ނުލުމަށް އެޕާޓީގެ އިސްވެރިންނަށް ގޮވާލައްވާ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން މިހުންނެވީ ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.
ޒުވާނުންނަށް ވަޒީފާ ދިނުން މަޖުބޫރުވާ ފަދަ ގޮތަކަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޤާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާ، އަދި އަލަށް ކައިވެނިކުރާ ވަޒީފާގައި އުޅޭ ދެމަފިރިންނަށް ޤާނޫނަކުން ފްލެޓް ލިބޭނެ އިންތިޒާމުވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހަމަޖައްސައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޤައުމުގެ އިޤްތިސޯދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ދައުލަތުގެ ދަރަނި ގާތްގަނޑަކަށް 28 ބިލިއަނަށް އަރާފައިވާ ކަމަށާ، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތަކާއި މެދު ފިނޭންސް މިނިސްޓަރަށް ވިސްނަންޖެހިފައިވާ ކަމަށެވެ.
ެކުރީގެ ރައީސް ،މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީން ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަމުންގެންދާތީ އެކަމަށް ޤާސިމް އިބްރާހިމް ވަނީ މިރޭގެ ޖަލްސާގައި ފާޑު ވިދާޅުވެފައެވެ.
އެގޮތުން ނަޝީދަށް އަމާޒު ކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުމާއި ގުޅިގެން އެހަލާކުކޮށްލެވެނީ ޤައުމުގެ އިޤްތިސޯދު ކަމަށާ، ޤައުމު ނެތް ތަނެއްގައި ކުރެވޭނެ ވެރިކަމެއް ނޯންނާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަމަށް އަންނަ ޕާޓީއަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ރައްޔިތުން ހޯދަދޭން ވާނެ ކަމަށާ، ޤައުމަށް ފައިދާ ހުރި ގޮތަށް ކަންކަން ކުރެވޭނީ އޭރުން ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ނިކުމެވަޑައިގެން ހުންނެވީ ރައްޔިތުން އުޅޭ ހާލަތު އެގިގެން ކަމަށާ، އެމަނިކުފާނަށް ވުރެ ރަގަޅު ބޭފުޅަކު ވެރިކަމަށް ނިކުމެވެވަޑައިގެން ހުންނެވި ކަމަށްވާނަމަ އެބޭފުޅެއްގެ ފަހަތަށް އެރުމަށާއި އަދި އެބޭފުޅަކު ފެންނަ ހިސާބަށް ނައިސް ވެރިކަމާއި ނޫޅޭ ދުރުގައިވެސް ހުންނެވިދާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މިރޭގެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ