ވިލިމާލޭ ޕްރީ ސްކޫލް މައްސަލައިގައި ބެލެނިވެރިން އިހްތިޖާޖްކޮށްފި

ވިލިމާލޭގައި ހިންގާ ހަމައެކަނި ޕްރީ ސްކޫލް، ގަލަމް ޕްރީ ސްކޫލުގެ މައްސަލައިގައި ބެލެނިވެރިންނަށް ވާނުވާ ނޭނގޭތީ ބައެއް ބެލެނިވެރިން މިއަދު ސްކޫލް ކައިރީގައި އިހްތިޖާޖްކޮށްފި އެވެ. މީގެ ދެ އަހަރު ކުރިއްސުރެ އެ ތަން ހިންގަމުން އަންނަ އެޑިއު އޮޕްޝަންސް އަތުން ސްކޫލު ނަގައި، އެތަން ހިންގުމުގެ އެގްރީމެންޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެ އެއްބަސްވުން މިނިސްޓްރީއަށް އުވާ ނުލެވޭނެ ކަމަށް މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ މިނިސްޓްރީން މިހާރު ވަނީ އިސްތިއުނާފަށް ވެސް ހުށަހަޅާފަ އެވެ. އިހްތިޖާޖްގައި ބައިވެރިވި ބެލެނިވެރިއަކު ބުނި ގޮތުގައި ސްކޫލްތައް ހުޅުވެން ހަފުތާއަކަށް ވީއިރު އެ ސްކޫލަށް ވާނުވާ ގޮތެއް ނޭނގެ އެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަގަނޑުގެ ތެރޭގައި ވެސް އެޑިޔު އޮޕްޝަންސުން ސްކޫލަށް ކުދިން ވައްދާ ކަމަށް ބުންޏެވެ. "އަޅުގަނޑުމެންނަކަށް ނޭނގޭ ވާނުވާއެއް. އެޑިއު އޮޕްޝަންސް އިން މިތަން ހިންގާނެ ކަމެއް ނުވަތަ އެ މީހުންގެ އަތުން މިތަން ނަގާނެ ކަމެއް. އެކަމަކު އަދިވެސް އެތަނުން ސްކޫލަށް ދަރިވަރުން އެބަ ނަގާ،" ގަލަމް ޕްރީ ސްކޫލު ކައިރީގައި ހިތްހަމަނުޖެހުން ފާޅުކުރަން ހުރި ބެލެނިވެރިއަކު ބުންޏެވެ. އޭނާ ބުނީ މިފަދަ ދަނޑިވަޅެއްގައި ސްކޫލުގައި ދަރިވަރުން ރަޖިސްޓްރީކޮށް، އެ ކުދިން އަތުން ފީ ނުނެގޭނެ ކަމަށެވެ. އެކަމަކު އެޑިއު އޮޕްޝަންސް އިން އެތަނަށް ދަރިވަރުން ވައްދަން ހުޅުވާލާފައިވާ ކަމަށް އޭނާ ބުންޏެވެ. މި މައްސަލާގައި އެޑިއު އޮޕްޝަންސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ގަލަމް ސްކޫލާ އެކު ވެފައިވާ އެގްރީމަންޓް އެޑިއުކޭޝަން މިނިސްޓްރީން ބާތިލްކުރުމާ ގުޅޭ ގޮތުން ކޯޓުން ބުނެފައިވަނީ އެޑިއު އޮޕްޝަންސް އިން އެ ސްކޫލު ހިންގުމުގައި މިހާތަނަށް އަމަލުކޮށްފައި ވަނީ އެޑިއުކޭޝަނުން އެންގި ގޮތަށް ކަމަށެވެ. އެ ގޮތުން، ކޯޓުން ބުނީ ސްކޫލު މެނޭޖްމެންޓުގެ ފަރާތުން ރަނގަޅުކޮށް އިސްލާހު ކުރަން ޖެހޭ ކަންތައްތައް ތަންފީޒު ކުރަމުންދާ ގޮތުގެ ޕްލޭނެއް އެ މިނިސްޓްރީ އަށް ފޮނުވަން އެންގުމުން އެ ޕްލޭން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ކަންތައްތަކެއް ރަނގަޅުކޮށްގެން ސްކޫލު ހިންގަމުން ދާ ނަމަ، ތަން އުވައި ނުލާނެ ކަމުގެ "ޟިމްނީ ވައުދެއް" އެ ހާލަތުގައި އުފަންވެފައިވާ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ