ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން ރިޕޯޓެއްގެ މައްސަލަ ތަހުގީގުކުރަން ކޯޓުން އަންގައިފި

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން ރިޕޯޓެެއްގެ މައްސަލަ ބެލުމަށް އެ ކޯޓުން ފުލުހުންނަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގައިފި އެވެ. އެފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ހުށަހަޅާފައިވާ ކަން ފުލުހުން ވެސް ޔަގީންކޮށްދިނެވެ. ނަމަވެސް، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖެ ޓީވީން ފޮނުވި ރިޕޯޓެއްގެ މައްސަލަ ބެލުމަށް، އެހެން ފަރާތްތަކުން ވެސް ޝަކުވާ ހުށަހަޅާ އުސޫލުން އެ ކޮމިޝަނަށް މި ހަފުތާގައި ސުޕްރީމް ކޯޓުން ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ 10 ދުވަހުގެ ތެރޭގައި ބެލުމަށްފަހު ނިންމި ގޮތެއް ސުޕްރީމް ކޯޓާ ހިއްސާކުރުމަށް އެ ކޯޓުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ 10 ދުވަހުގެ ތެރޭގައި ބެލުމަށް ސުޕްރީމް ކޯޓުން އަންގާފައިވީ ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން ހުށަހެޅޭ ޝަކުވާ ބެލުމަށް 60 ދުވަހުގެ މުއްދަތެއް އެ ކޮމިޝަނަށް ލިބޭ ކަން ޝަހީބު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ގާނޫނުގައިވާ ގޮތުން މައްސަލަ ރައްދުވާ ފަރާތުން ޖަވާބުދާރީ ވުމަށް ވެސް އެކަށީގެންވާ މުއްދަތެއް ދޭންޖެހޭ ކަމަށެވެ. "އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި ދަންނަވާފައިވާނީ ގާނޫނުގައި މިހުރި އިޖުރާއަތްތަކުގެ ތެރެއިން ޝަކުވާ ބަލައިގަތުމާއި ޝަކުވާ ބެލުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އަޅުގަނޑުމެން އެކަން ބެލުމަށް ފަހު ނިންމި ގޮތެއް ކޯޓަށް އަންގާނެ ކަމަށް. ވަކި މުއްދަތެއްގެ ތެރޭގައި މައްސަލައެއް ބެލުމަށް އެންގޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެންނަކީ ވެސް މުސްތަގިއްލު މުއައްސަސާއެއް،" އޭނާ ވިދާޅުވި އެވެ. ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ވިދާޅުވީ އެ ސްޓޭޝަނުން ފޮނުވި ރިޕޯޓަކާ ބެހޭ މައްސަލައެއް ބެލުމަށް ފުލުހުންނަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގު ކުރުމަށް ސުޕްރީމް ކޯޓުން ހުށަހަޅާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ރިޕޯޓެއްގެ މައްސަލަ އެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު އޮތީ ލޫތުގެފާނުގެ ބާގައިގެ އަހުލުވެރިން ދިރިއުޅުނު ސަދޫމްގެ ހާލަތާ އެއް ފެންވަރުގެ ދަށު ދަރަޖައިގެ ހާލަތެއްގައި ކަމަށް ސިފަކޮށްފައިވާ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ