ޓެންޑުލްކާގެ އިވެންޓަކަށް "ހަވީރު"ގެ ނާފިޒު އިންޑިއާ އަށް

ދެކުނު އޭޝިއާ އަށް ކަނޑައަޅާ ޔުނިސެފްގެ ގުޑްވިލް އެމްބަސަޑަރަކަށް އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކާ ހަމަޖެއްސިކަން ރަސްމީކޮށް އިއުލާނުކުރަން ބާއްވާ އިވެންޓް ކަވަރުކުރަން "ހަވީރު"ގެ ނޫސްވެރިޔާ އަލީ ނާފިޒު މިއަދު އިންޑިއާ އަށް ފުރައިފި އެވެ. މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި އިންޑިއާގެ ތާރީޚުގައި ވެސް ނުދެކޭ ފަދަ އޭގެ ދެ ވަނައެއް ނެތް ޓެންޑުލްކާގެ އުފަން ސިޓީ މުމްބާއީގައި މާދަމާ ބާއްވާ މި އިވެންޓްގައި ރާއްޖެ އިން ބައިވެރިވަނީ ވެސް ހަމައެކަނި ނާފިޒެވެ. ޔުނިސެފުން ހަމަޖައްސާފައި ވަނީ ދެކުނު އޭޝިއާގެ ކޮންމެ ގައުމަކުން ނޫސްވެރިޔަކު އެ މުހިންމު އިވެންޓްގައި ބައިވެރިކުރާ ގޮތަށެވެ. އުމުރުން 40 އަހަރުގެ ޓެންޑުލްކާގެ ދިގު އަދި ކާމިޔާބު ކެރިއާ ނިންމާލީ މި މަހު މުމްބާއީގައި އޮތް އޭނާގެ 200 ވަނަ ޓެސްޓް މެޗުގަ އެވެ. ދެކުނު އޭޝިއާގެ ގުޑްވިލް އެމްބެސެޑަރަކަށް އޭނާ ހަމަޖެއްސުމުން ޔުނިސެފްގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ބައެއް ކަންކަމަށް އެހީ ހޯދުމުގައި ވެސް ޓެންޑުލްކާ އިސް ރޯލެއް އަދާކުރާނެ އެވެ. މާދަމާގެ އިވެންޓްގައި އޭނާއާ އިންޓަވިއުކުރުމުގެ ފުރުސަތު ވެސް ޒުވާން ނޫސްވެރިޔާ ނާފިޒަށް ލިބޭނެ އެވެ. މިއީ ޓެންޑުލްކާއާ މި ގޮތަށް ބައްދަލުކުރުމުގެ ފުރުސަތު ދިވެހި ނޫސްވެރިޔަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މި ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސައިދެނީ ޔުނިސެފްގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ