ޖީއެމްއާރްގެ ބޭފުޅަކާ މައުމޫން ބައްދަލެއް ނުކުރައްވާ: ޕީޕީއެމް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިޔާގެ ޖީއެމްއާރް ކުންފުނީގެ އިސް ބޭފުޅަކާ މިއަދު ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމްއިން ދޮގު ކޮށްފި އެވެ.
މިއަދު ހަވީރު ނަސަންދުރަ ޕެލްސް ހޮޓެލްގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވީ، ރައީސް މައުމޫން މިއަދު ހ. ފުލިދޫގޭގައި ބައްދަލު ކުރެއްވީ އިންޑިއަން ހައިކޮމިޝަނަރާ ކަމަށެވެ. އަދި އިންޑިޔާގެ ޖީއެމްއާރް ކުންފުންނާއި އެއްވެސް މުއާމަލާތެއް ޕީޕީއެމް ނުކުރާނެ ކަމަށާއި ނަމަވެސް އިންޑިޔާ ސަރުކާރާއި އަދި އިންޑިއަން ހައިކޮމިޝަނާއި ޕީޕީއެމް އިން ގުޅުން ބާއްވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް މައުމުނު ޖީއެމްއާރަކާއި ބައްދަލެއް ނުކުރައްވައޭ، އަދި ނުވެސް ކުރައްވާނޭ، ޕީޕީއެމްގެ ކެންޑިޑޭޓެއް ވެސް އަދި އިސް އެއްވެސް ބޭފުޅަކު އެއްވެސް އިރަކު ބައްދަލު ކުރައްވައި މަޝްވަރާކުރައްވާފައެއް ނޯންނާނެ،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ޕީޕީއެމްއާއި އިންޑިޔާއާއި އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވަރަށް ފަހުން އިންޑިޔާއަށް ޒިޔާރަތް ކުރައްވާ އިންޑިޔާގެ ޕްރައިމް މިނިސްޓަރު ޑރ. މަންމޯހަން ސިންގް އާ ބައްދަލުކުރެއްވި ކަމަށެވެ.
ރައީސް މައުމޫނު އިންޑިޔާގެ ޖީއެމްއާރްގެ ބޭފުޅުންނާއި ބައްދަލު ނުކުރައްވާ ކަމަށް ޕީޕީއެމް އިން ބުނި ނަމަވެސް ވީނިއުސް އަށް މައުލުމާތު ދިން ބައެއް ފަރާތްތަކުން ބުނީ މިއަދު ރައީސް މައުމޫނު ފުލިދޫގެގައި އިންޑިޔާ ހައިކޮމިޝަނަރު ރަޖީވް ސަހާރޭއާއި ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި ޖީއެމްއާރްގެ ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
އިންޑިޔަން ހައިކޮމިޝަނަރު ރަޖީވް ސަހާރޭ ފުލިދޫގެއިން ނުކުމެވަޑައިގެން ވަޑައިންނެވި ފަހުން، އިންޑިޔަން ހައިކޮމިޝަންގެ އިސް މުވައްޒަފެއް ކަމަށްވާ އަގަރްވާލާއިއެކު ޖީއެމްއާރުގެ ފަރާތުން އައިސް ހުންނެވި ކަމަށް ބެލެވޭ މީހަކު ފުލިދޫގެއިން ނުކުތް ކަމަށް ވެއެވެ. އަދި އަގަރްވާލާއެކު ހުރި އެމީހާއަކީ އިންޑިއަން ހައިކޮމިޝަންގެ މުވައްޒަފެއް ނޫންކަން މަށް ވެސް ވެއެވެ. އެ ބޭފުޅުން ކާރަށް އެރި މަންޒަރު ވީޑިއޯ ކުރަން އުޅުނު އާއްމު މީހަކަށް އިންޑިއަން ހައިކޮމިޝަނަރުގެ މުވައްޒަފު ހުރަސްއަޅަން މަސައްކަތްކުރި މަންޒަރު ވެސް މިއަދު ފެނުނެވެ.
އެ ބައްދަލުވުމަށްފަހު މައުމޫންގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫން ވަނީ ރައީސް މައުމޫނަށްވުރެ ކުރިން ފުލިދޫގެއިން ނުކުމެ ވަޑައިގެންފަ އެވެ. ރައީސް މައުމޫން ފުލިދޫގެއިން ނުކުންނަވާ ކާރުކޮޅެއްގައި ވަޑައިގެންނެވީ އޭގެ ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ފަހުންނެވެ. މައުމޫނުގެ އަރިހުގައި ބޮޑީގާޑުން ފިޔަވައި އެހެން އެއްވެސް ބޭފުޅަކު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ