30 އަހަރާއިން 3 އަހަރެއް ރައްޔިތުން ދެން ބޭނުމެއް ނުވޭ: ތަސްމީނު

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގެ 30 އަހަރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދެރން ރައްޔިތުން ބޭނުން ނުވާ ކަމަށް ގައުމައިގެން ކޯލިޝަނުގެ ރަނިންމޭޓު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެއެވެ.
ގައުމާއިގެން ކޯލިޝަނުގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ތަސްމީނު ވިދާޅުވީ 30 ވެގެން ދިޔަ އިރު އެވެރިކަމުގައި ތިއްބެވި ބޭފުޅުން ރީބްރޭންޑުވެގެން ނުކުންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އޭރު ނުކުރެވުނު ކަންތައްތައް މިހާރު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ ބާރެއް އޮވެ، އެބާރުތައް އިތުބާރު ކުރެއްވި ބޭބޭފުޅުންނަށް ދޫކޮށްލައްވައިގެން ވެސް އެކަންތައްތައް ކުރެވިފައި ނުވާ ކަމަށާއި މިއަދު ބާރުތައް ބެހިފައިވާ އިރު އެކަންތައްތައް ކުރެއްވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ރައީސް މައުމޫނުގެ ސަރުކާރުގައި އިސްމަގާމުތަކެއް ފުރުއްވި އަދި 2008 ވަނަ އަހަރު ފެއިލުވެވަޑައިގެންނެވި އިރު ރަނިންމޭޓަކަށް ހުންނެވި ތަސްމީނު ވިދާޅުވީ ރައީސް މައުމޫނުގެ ދުވަސްވަރު ހުރިހާ ބާރެއް ލިބިފައި އޮތުމުން އެބާރުތައް ބޭނުން ކުރައްވައިގެން ބޭނުންފުޅު ގޮތަކަށް ކަންތައްތައް ކުރައްވަމުން ގެންދެވި ކަމަށެވެ. އަދި 2008 ވަނަ އަހަރު ރައްޔިތުން ނޫނެކޭ ބުނެ، އާގާނޫނު އަސާސީއިން ބާރުތައް ގެނައުމުން ބާރުތައް ބެހިގެން ދިއުމުން ދެން ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ވެސް މަސައްކަތް ކުރެއްވީ ބާރުތައް ވަކިވަކިވެފައިވާ އިރު ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ފަރާތްތައް ހައްޔަރުކޮށް އެފަރާތްތަކަށް އަދަބު ދެއްވަމުން ކަމަށެވެ. އަދި އެވެރިކަން ނިމިގެން ދިޔައީ ވެސް އެހެން ވެގެން ކަމަށް ތަސްމީނު ވިދާޅުވިއެވެ.
30 އަހަރާއި ތިން އަހަރު ބޭނުން ނުވާ ނަމަ ދެން އޮތް ހަގީގީ ފުރުސަތަކީ ގައުމާއިގެން ކޯލިޝަން ކަމަށް ތަސްމީނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ