ކުރިން އެންގުމަކާ ނުލައި އުމަރު ޖަލުތަކަށް ޒިޔާރަތް ކުރައްވައިފި

ޖަލުތަކުގެ ހާލަތު ބެއްލެވުމަށް ކުރިން އެންގެވުމަކާ ނުލައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުއްލި ގޮތަކަށް ޖަލުތަކަށް ޒިޔާރަތް ކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި މިއަދު ހެނދުނު އުމަރު ވަނީ ދޫނިދޫ ޖަލަށާއި ހުޅުމާލޭ ޖަލާއި މާފުށީ ޖަލަށާއި ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރައްވާފަ އެވެ.
ޖަލުތަކަށް މިނިސްޓަރު ޒިޔާރަތް ކުރައްވަފައިވަނީ ވަރަށް ހެނދުނާ އެވެ. އެގޮތުން ދޫނިދޫ ޖަލަށް އުމަރު ވަޑައިގެންނެވީ ހެނދުނު 6:30 ގަ އެވެ. ކޮންމެ ޖަލެއްގައި ވެސް އެ މަނިކުފާނު ހޭދަ ކުރެއްވީ ބައި ގަޑިއިރެއްހާއިރެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ކުރިން އެންގެވުމަކާ ނުލައި މިނިސްޓަރު ޖަލުތަކަށް ޒިޔާރަތް ކުރެއްވީ، ރާއްވަވައިގެން އެކަން ކުރެއްވި ނަމަ އެތަންތަނުގައި ހިނގާ ކަންތައްތައް ފެނިވަޑައިނުގެންފައިވާނެތީ ކަމަށެވެ. އަދި އުމަރު ކުރެއްވި "ސަޕްރައިޒް ވިޒިޓް"ގައި ޖަލުތަކުގައި ކަންތައްތައް ހިނގަމުންދާ ގޮތް ބަލައި، އެތަންތަނުގެ ހާލަތު ބެއްލެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ތަޒްމީލް ވިދާޅުވީ މިނިސްޓަރު ޖަލުތަކަށް ޒިޔާރަތް ކުރައްވައި ބައެއް ގައިދީންނާއި ސީނިއާ މުވައްޒަފުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ގައިދީން ލައްވާ މަސައްކަތް ކުރުވުމާއި ތަނުގެ ޖާގަ އިތުރު ކުރުމާއި ދުވަސްވީ ގައިދީން އެހެން ތަންތަނަށް ބަދަލު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
"މިނިސްޓަރު ބޭނުންވެ ވަޑައިގެންނެވީ ޖަލުތަކަށް ސަޕްރައިޒް ވިޒިޓެއް ކުރައްވައި އެތަންތަނުގެ އޮޕަރޭޝަންސްއާ ކަންތައްތައް ހިނގަމުންދާ ގޮތް ބަލައިލުމަށް،" ތަޒްމީލް ވިދާޅުވި އެވެ.
ޖަލުތަކުގެ ހާލަތު ބެއްލެވުމަށް ފަހު އުމަރު އެނބުރި މާލެ ވަަަޑައިގެންނެވީ މިއަދު 12:00 ޖެހިއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ