އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ: ރައީސް ނަޝީދު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިނުވާކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މުހައްމަދު ނަޝީދު ތަކުރާރުކުރައްވައިފި އެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅުތަކާ ގުޅުވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބިވަޑައިގެންފައިނުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާކަމަށެވެ.
އަޅުގަނޑު ތަކުރާރުކޮސް ދަންނަވަން، އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ.
~ ރައީސް މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް
އަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީީގެ ހިޔާނާތާއި ގުޅޭ ބައެއް ވާހަކަތައް ތިލަކޮށްފަ އެވެ.
އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން އަދީބް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މަންފާ ކުރީގެ ރައީސުންނަށް ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރުސީން ސީދާ ކުރީގެ ރައީސްއެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ. އޭގެއިތުރުން އަދީބް ވިދާޅުވީ ސިޔާސީ ހުރިހާ ޕަޓީއަކަށް ވެސް އެ ހިޔާނަތުގެ ފައިސާ ލިބިފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ގިނަ މެމްބަރުންނަށްވެސް އެ ފައިސާ ލިބިވަޑައިގެންފައިވާކަމަށް އަދީބް ވިދަޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ މަސްއޫލިއްޔަތުތައް ބަދަލުކޮށް، އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބޮޑު ވައްކަމަކީ އެ ސަރުކާރުގެ ވެރިން ރާވައިގެން ހިންގި ކަންތައްތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ