މޫސުން ގޯސްވެ ވިއްސާރަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ސަމާލު

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ފުރަތަމަ ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ސަރަޙައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު 6:30 އިން ފެށިގެން 11:30 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން މިއަދު ދެވަނަ ސަމާލެއް ނެރެފައި ވަނީ ކުރިން ސަމާލު ނެރުނު ސަރަޙައްދުތައް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ހިސާބަކަށެވެ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ 7:00 އިން ފެށިގެން މެންދުރުފަހު 13:00 އާއި ހަމައަށެވެ.
މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވެއެވެ. ހަމައެހެންމެ މި ސަރަޙައްދުތަކަށް ކަނޑު ގަދަވާނެ ކަމަށް ވެސް ސަމާލުގައި ވަނީ ބުނެފައެވެ.
ރާއްޖެއަށް މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް ވަގުތުތަކުގައި ގުގުރުމާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ." މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން އިތުރަށް ބުނީ، ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ