މާލެ އަންނަ ދޯނިފަހަރުން މީހުން މާލެ ނުފޭބުމަށް އެދިއްޖެ.

ރަށްރަށުން މާލެ އަންނަ ދޯނިފަހަރުން މީހުން މާލެއަށް ނުފޭބުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިވަޑައިގެންފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މާލެ އަންނަ ދޯނިފަހަރުން އެއްވެސް މީހަކު މާލެ ފައިބާ ނުހެދުމަށް އެދޭ ކަމަށާއި ދޯންޏަށް އެެއްޗެތި އަރުވަން ދާ މީހުން ވެސް ދޯނީގައި ތިބޭ މީހުންނާއި ދިމާނުވެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޑރ. ނަޒްލާ ވަނީ އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް ޓެސްޓް ކުރުމަށް ވަރަށް ބޮޑަށް ސަމާލުވުމަށާ އެކަމަށް އިލްތިމާސްކުރައްވާފަ އެވެ.
މި ދިޔަ ހަފްތާގައި ވަނީ މާލެ އައި އުތުރުގެ ދެ ބޯޓަކުން ދަތުރު ކުރި ބަޔަކު ކޮވިޑް އަށް ޕޮޒިޓިވްވެފަ އެވެ.
މާލޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު އަތޮޅު ތެރެއިން ވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވެ އެވެ. އެހެންނަމަވެސް ޑރ. ނަޒްލާ ވިދާޅުވީ، އަތޮޅު ތެރޭގައި ކޮވިޑް ފެތުރިފައިވާ ކަމަށް އަދި ނުބެލެވޭ ކަމަށެވެ.
އެއީ އަތޮޅު ތެރެއިން ފެނިފައިވާ ކޭސްތަކަކީ މާލެއިން އިމްޕޯޓެޑް ކޭސްތައްކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެންމެ މުހިއްމީ މާލެއިން ދާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނެއްގައި ތިބުން ކަމަށެވެ. އެގޮތުން މީހުން ކަރަންޓީންކުރަނީ 14 ދުވަހުގެ ތެރޭގައި އެމީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނޭތޯ ބެލުމަށް ފަހު ބައްޔަށް ޓެސްޓްކުރުން ކަމަށެވެ. އަދި ބަލީގެ އަލާމާތް ނުފެނުނަސް 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ބަލި ހުރެެއްޖެނަމަ ރަށުގެ އެހެން މީހުންނާއި ބައްދަލުވިޔަ ނުދީ ވަކިން ބައިތިއްބާ ކަމަށެވެ.
އެހެންކަމުން ކަރަންޓީންގެ މުއްދަތުގައި އެހެން އެއްވެސް މީހަކާއި ބައްދަލުނުކޮށް އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ