މާލީ ބަޔާނަށް މަކަރު ހެދުމުގެ ތުހުމަތު ގާޒީ ބާރީގެ މައްޗަށްކޮށް، މައްސަލަ ބަލަން ފަށައިފި

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެއްދެވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަނަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ވިޔަފާރި ކުރުމުގައި ގާޒީ ބާރީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމާއި އެ ވިޔަފާރިން މަންފާ ލިބިވަޑައިގެންނެވި ނަމަވެސް މާލީ ބަޔާނުގައި އެކަން ހާމަކުރައްވާފައި ނުވާ މައްސަލައެއް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރުން ވިޔަފާރި ކުރުމަކީ ވެސް ޤާނޫނީ ގޮތުން މަނާ ކަމެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ވަގަށް ނަގައި، ރަހީނުކުރި މައްސަލައިގައި އެމަނިކުފާނަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވި ބެންޗްގައި ގާޒީ ބާރީ އިންނެވިއެވެ. އޭގެ ފަހުން އެމްޑީޕީގެ އިސް ބޭފުޅުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ބޭފުޅަކަށް ގާޒީ ބާރީ ވަނީވެފައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ގާޒީ ބާރީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ވުނެ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ން ފެށިގެން އޭނާ ވަނީ ގާޒީ ކަމުން ސަސްޕެންޑު ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރިން ގާޒީ ބާރީ ކުރެއްވިއެވެ. އޭނާ ވަނީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ބައްލަވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ރިޔާސީ ލޯންޗް ގޮއްވާލި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްސަލަތައް ވެސް ހިމެނެއެވެ.
ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ކުއްލި ގޮތަކަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ