ބައި އިލެކްޝަން ހުއްޓުވައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެމެންބަރުން ނިސްބަތްވާ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާން ބާތިލްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަންގެ މިނިންމުން ބާތިލް ކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ އިދިކޮޅު އިއްތިހާދުގެ ފަރާތުންނެވެ. އެބޭފުޅުން ހުށަހެޅި މައްސަލައިގައި ހާމަކޮށްފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ޙާލަތްތައް ބަޔާންކޮށް ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާއި ޚިލާފަށް ކަމަށެވެ. އަދި ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖައްސާފައި އެވަނީ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެމައްސަލަ ބާތިލް ކޮށްދިނުމަށް އެދި މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ކުރި ހުކުމާއި ޚިލާފަށް ކަމަށް ވެސް އެމައްސަލައިގައި ވަނީ ބަޔާންކޮށްފައެެވެ.
ގޮނޑި ގެއްލުނު މައްސަލައަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމައްސަލައާ މެދު އިތުރަށް ނިންމާނޭ ނިންމުމެއް ނޯންނާނޭ ކަމަށެވެ. އެހެން ކަމުން ސަރުކާރަށް ތާޢީދު ކުރައްވާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންނަކީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި, މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި, ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމާއި, ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދާއި, ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ