ޤަތުލު އާއްމުތައް ހުއްޓުވުމާއި ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ މަސައްކަތް ކުރުމަށް އދގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގިވޯޓުގައި ރާއްޖެއިން ބައިވެރި ނުވުމަކީ ލަދުވެތިކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވޯޓުގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ރާއްޖެއިން ބައިވެރި ނުވި އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޮހިންޖާ މުސްލިމުންނަށް ހަމްދަރުދީ ފާޅު ކުރަމުންދާ ކަމަށެވެ.
އަދި އެވޯޓަކީ ރޮހިންޖާ މުސްލިމުން ހިމާޔަތް ކުރުމަށް ނެގި ވޯޓެއް ނޫންކަމުގައި ދިވެހި ޚާރިއްޖިއްޔާއިން ބުނެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާ އިރު ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުންނާއި ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޖާ މުސްލިމުންގެ ނަން ހިމަނާފައިވެސް ނުވާނެ ކަމަށެވެ.
މީގެ އިތުރުން ރޮހިންޖާ މުސްލިމުންނާމެދު ހިންގަމުންދާ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެއިން އ.ދ. ގައި ގޮވާލާފައި ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތައް ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވޯޓުގައި ރާއްޖެއިން ބައިވެރި ނުވުމަކީ ލަދުވެތި ކަމެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ