އުމަރު އަޅާ ފިޔަވަޅަކަށް 10 ފިޔަވަޅު އަޅާނަން: ކައުންސިލަރުން

ކޮންމެ ފިޔަވަޅެއް އެޅިޔަސް މިއަދު މިއޮތް އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ފިޔަވަޅެއް އަޅައިފިއްޔާ އެޅި ފިޔަވަޅަކަށް 10 ފިޔަވަޅު އަޅާނެ ކަމަށް މޭޑޭގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާއަށް މާލެ އައި އެމްޑީޕީގެ ކައުންސިލަރުން ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުން މިހެން ވިދާޅުވީ މޭޑޭގައި މާލޭ އައި ކައުންސިލަރުންގެ މައުލޫމާތު ފޮނުވައިދިނުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ކައުންސިލްތަކަށް އެންގުމާއި ގުޅިގެންނެވެ. އެ މައުލޫމާތު ފޮނުވަން އަންގާފައިވަނީ މިއަދު އޮފީސްތައް ބަންދުވުމުގެ ނިޔަލަށެވެ.
އެލްޖީއޭގެ ކުރިމަތީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންވެސް ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލްގެ ރައީސް އާދިލް މުހައްމަދު ވިދާޅުވީ މިސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމް ފުނޑާލާ ކައުންސިލްތައް އުވާލަން ކަމަށެވެ. ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ކައުންސިލްތައް އުވާލެވިދާނެ ކަމަށާއި އަދި ކައުންސިލަރުންނަށް ތަފާތު ފިޔަވަޅުތައް ވެސް އެޅިދާނެ ކަމަށް އާދިލް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންނަށް މިއަދު ލިބެމުންދާ އަނިޔާތައް އެންމެ ކައިރިން އިހްސާސްކުރެވޭ ބަޔަކީ ކައުންސިލަރުން ކަމަށާއި އެހެންކަމުން ރައްޔިތުންގެ ހައްގުގައި އަދި ރައްޔިތުން އެދިގެން އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ބައްލަވާ މިއަދު އަތޮޅު ތެރޭގައި ހިންގާ ކުދި ވިޔަފާރިތައް އެދަނީ ބަނގުރޫޓް ވެގެން ސަބްސިޑީ ކަނޑާލީމާ. މިއީ ކިތައް ރައްޔިތުންނަށް ލިބޭ ކިހާ ބޮޑު އަނިޔާއެއްތޯ؟ އެހެންވީމާ އަޅުގަނޑުމެން އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރަނީ. މިކަމެއް ނުހުއްޓުވޭނެ،" އާދިލް ވިދާޅުވި އެވެ.
ފުވައްމުލަކު ދިގުވާޑް އަވަށު ކައުންސިލްގެ މެންބަރު ވިދާޅުވީ އދ. އަތޮޅު ކައުންސިލުން މިނިވަން 50ގެ އެއްވެސް ކަމެއްގައި ބައިވެރިނުވާން ނިންމާފައިވާ ގޮތަށް އެކައުންސިލުންވެސް މިދިޔަ މަހުގެވ 18 ވަަނަ ދުވަހު އެފަދަ ގަރާރެއް ފާސްކޮށްފައިވާނެ ކަަމަށެވެ. އޭނާ ވިދާޅުވީ މިނިވަންކަމެއް މިއަދު ނެތް ކަމަށާއި އެހެންކަމުން މިނިވަން ދުވަސް ފާހަގަކުރުމުގެ ބަދަލުގައި މުހިއްމީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުން ކަަމަށެވެ.
"ފަޓާސް ބަރިއަރުވާފައި ނުޖެހޭ މިއަނިޔާވެރި ވެރިކަމުގައި މިނިވަން ދުވަސް ފާހަަގަކުރާކަށް،" އޭނާ ވިދާޅުވި އެވެ.
ކޮޅުފުށި ކައުންސިލްގެ މެންބަރު ހުސައިން ޝާމިލް ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސިޔާސީ މަގާމަކަށް އިންތިހާބު ކުރެވޭ ބޭފުޅެއް ކަމަށާއި އެހެންކަމުން ގައުމުގައި ހިނގާ ކަންކަމުގައި ސިޔާސީ ގޮތުން ބައިވެރިވާންޖެހޭ ކަންކަމުގައި ބައިވެރިވާނެ ކަމަށެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތް ނުހުއްޓޭނެކަން ފާަހަގަކުރައްވާ އޭނާ ވިދާޅުވީ މިސަރުކާރުގެ އަނިޔާވެރިކަމާއި ކަންކަމުގައި ފިއްތުއްތައް ކުރިމަތި ކުރާ ވަރުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
މިނިވަން 50ގެ ހަރަކާތްތަކުގައި އދ. އަތޮޅު ކައުންސިލުން ބައިވެރި ނުވުމަށް އެ ކައުންސިލުން ފާސްކުރި ގަރާރު އަނބުރާ ގެންދިއުމަށާއި އަދި އެކަންކުރެވުނީތީ މައާފަށް އެދުމަށް އެލްޖީއޭގެ ރައީސް އުމަރު ނަސީރު އެންގެވުމާއި ގުޅިގެން ޝާމިލް ވަނީ އެކަމަށް ވެސް ރައްދުދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެކައުންސިލްގެ ނިންމުން ދިފާއުކުރުމަށް ގޮވާލާ ކަމަށާއި އދ. އަތޮޅު ކައުންސިލްގެ ދިފާއުގައި ހުރިހާ ކައުންސިލަރުންވެސް ބައިވެރިވާނެ ކަަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑުއްވަރީ ކައުންސިލް މެންބަރަކު ވިދާޅުވީ އެލްޖީއޭގެ ރައީސް އުމަރު ނަސީރު އުޅުއްވަނީ "މޮޔަފުޅުވެގެން" ކަމަށެވެ. އެނާ ވިދާޅުވީ މޭޑޭއަށް ކައުންސިލަރުން މާލެ އައީ ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފު ކަމެއް ކުރުމަށް ނޫން ކަމަށާއި އެހެންކަމުން ކައުންސިލަރުން ކުރާ ކަންކަން ބަލައި ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އަދި ވިދާޅުވީ އުމަރު ނަސީރު ނުވަތަ އެލްޖީއޭއިން "ފިޔަވަޅެއް އަޅައިފިއްޔާ އެ އެޅި ފިޔަވަޅަކަށް 10 ފިޔަވަޅު އަޅާނަން" ކަމަށެވެެ.
ނޭކުރެންދޫ ކައުންސިލް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މޭޑޭގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އުމަރު ނަސީރު ވިދާޅުވި ބަސްފުޅު އަނބުރާ ގެންދިއުމަށް އެދިވަޑަައިގަންނަވާ ކަމަށެވެ. މުހައްމަދު ވިދާޅުވީ އުމަރު ނަސީރާއި މިސަރުކާރުން އުޅެނީ ކައުންސިލްތަކާއި ރަށްރަށުގެ ކުރިއެރުމަށް ނޫން ކަމަށާއި ނަމަވެސް އެބޭފުޅުން ކައުންސިލަރުންެގ މަގާމަށް ރައްޔިތުން ހޮވީ އެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށްވާތީ އެ ބޭފުޅުން ރައްޔިތުންނަށް ދަތިވާ ކަންކަމުގައި ނުވަތަ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ދެކޮޅަށް ތެދުވާނެ ކަމަށެވެ.
"އުމަރު ނަސީރު ހޮވީ ކާކުތޯ؟ އުމަރަށް ކާކުތޯ ވޯޓް ދިނީ. އެހެންވީމާ އަޅުގަނޑުމެން މި އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވާނަން. މިކަމެއް ނުހުއްޓުވޭނެ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ލ. ގަމު ކައުންސިލްގެ މެންބަރު ވިދާޅުވީ މޭޑޭގެ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް މާލެ ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުން ހުއްޓުވަން ކަމަށްވާނަމަ އެކަން އުމަރު ނަސީރަށް ހާސިލް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކާއި ގުޅޭ ގާނޫނޫތަކާއި ގަވައިދުތަކުގައިވާ ބާރުތައް ކައުންސިލްތަކަށް ހޯދައިދޭން މަސައްކަތް ނުކުރައްވާ ކައުންސިލަރުން މޭޑޭގައި ބައިވެރިވީތީ ފިޔަވަޅު އެޅިޔަސް ފަހަަތަށް ނުޖެހޭނެ ކަަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުން ވެސް ވިދާޅުވީ އެލްޖީއޭގެ ރައީސް ސާފުކުރަން ބޭނުންވި މައުލޫމާތު ލިޔުމުން ފޮނުވާނެ ކަމަށާއި އެބޭފުޅުން އެމައޫލޫމާތު ފޮނުވަން ޖެހިލުންވެގެން ނުތިބޭނެ ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ މޭޑޭގެ ބޮޑު އެއްވުމުގައި ބައިވެރިވާ އެމްޑީޕީއަށް ނިސްބަތްވާ 300 ކައުންސިލަރުން މާލެ އައި ކަމަށާއި އަދި މިހާރުވެސް މާލޭގައި 100 ވަރަކަށް ކައުންސިލަރުން އެބަތިބި ކަމަށެެވެ. ނިޔާޒު ވިދާޅުވީ ގިނަ ކައުންސިލަރުން މާލެ އައީ އަމިއްލަ ހަރަދުގައި ކަމަށާއި ބައެއް ކައުންސިލަރުން މާލެ އައީ އެ ކައުންސިލަރުން ފާސްކުރި ގަރާރެއްގެ ދަށުން ކައުންސިލުން ފާސްކޮށްގެން ދައުލަތުގެ ހަރަދުގައި ކަމަށެވެ. އަދި އެގޮތަށް މާލެ އައުމަކީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ