ޑރ. ޝަހީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފި

ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަނެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ޑީއާރުޕީގައި އަދި ފަހުން ގައުމީ ޕާޓީގައި އިސް ރޯލެއް އަދާ ކުރެއްވުމަށް ފަހު، ވެރިކަން ކުރާ އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގަތް ޝަހީދު ވިދާޅުވީ އެ މަގާމަށް ކުރިމަތިލެއްވުމަށް އޭނާ ނިންމެވީ އެއް ސަބަބަކީ އެމްޑީޕީގެ ވަރަށް ގިނަ އާއްމު މެމްބަރުން އެކަމަށް އެދެމުންދާތީ ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ނިންމީ މައިގަނޑު ދެސަބަބަކަށް ޓަކައި. ފުރަތަމަ ކަމަކީ ޗެއާޕާސަން ކަމުގެ މަގާމަށް އަޅުގަނޑު ކުރިމަތިލުމަށް ޕާޓީގެ ގިނަ އަދަދެއްގެ އާއްމު މެމްބަރުން އެދެމުން ދިއުން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމެވި ދެ ވަނަ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އޭނާއަކީ ޑިމޮކްރަސީ އަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި އެމްޑީޕީ އަކީ ވެސް އެ މަގުން ދަތުރުކުރާ ޕާޓީއަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑަކީ ޑިމޮކްރަސީއަށް ވަރަށް ލޯބިކުރާ މީހެއް. އެމްޑީޕީއަކީ ކުރިން ވެސް އަދި މިހާރު ވެސް ޑިމޮކްރަސީ އެންމެ ރަނގަޅަށް އޮންނަ އަދި ރާއްޖޭގައި ޑިމޮކްރަސީ އާލާކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ޕާޓީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު އޭނާގެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ޑިމޮކްރަސީއަށް ވޯޓް ދެއްވާނެ ކަމާ މެދު ވެސް ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގައި ބަދަލު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރިތޯ އެހުމުން ޑރ. ޝަހީދު ވިދާޅުވީ ބަދަލު ކުރަން ޖެހޭ ކަންތައްތައް އަބަދުވެސް ހުންނާނެ ކަމަށެވެ. އަދި އޭނާ އަށް ޗެއާޕާސަން ކަން ލިބިވަޑައިގެންފި ނަމަ އެމްޑީޕީ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އޭރުގެ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. ޝަހީދު ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާ އަކީ އެ ޕާޓީގެ ޖަނާޒާ ކަމަށް ވާނެ ކަމަށް ވިދާޅުވެ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އޭރު ވާހަކަ ދައްކަވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޝަހީދުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހިމެނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި މާރިޔާ އަހުމަދު ދީދީ ވަނީ އެ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަން ވަރަށް ފަހުން އިއުލާން ކުރައްވައިފަ އެވެ.
ކްރިޓިކްސް ބުނަނީ އެކަމަނާ އެ މަގާމުން ވަކިވެވަޑައިގަންނަވަނީ އޭނާ އެ މަގާމަށް ހޮވިވަަޑައިގަތީ ބައިއިލެކްޝަނަކުން ކަމަށް ބުނެ، ޕާޓީގެ އެތެރޭގެ ފިއްތުންތަކެއް ކުރިމަތިވުމާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ