ހައްދު: އައްޒަގެ އެންމެ އަގު ބޮޑު ފިލްމް

އަބްދުލް ފައްތާހު ޑައިރެކްޓް ކުރާ "ހައްދު" ގެ ޕޯސްޓަރު ދައްކައިލުމުން، ފިލްމުގައި ތަފާތުކަމެއް ހުންނާނެ ކަމަށް ބެލެވެ އެވެ. ފިލްމުގައި ވަރަށް ހާއްސަ ކަންތައްތަކެއް ހުންނާނެކަން ފައްތާހު ވަނީ ކަށަވަރުކޮށް ދީފަ އެވެ. މި ހާއްސަ ކަންކަމުގެ ތެރެއިން އެއް ކަމަކީ ފިލްމުގެ ލީޑް ރޯލް ކުޅޭ އެއް ބަތަލާ މަރިޔަމް އައްޒަ "ހައްދު" ކުޅެން އެއްބަސްވި އަގެވެ.
"މިއީ މިހާތަނަށް އަހަރެން އެންމެ ބޮޑު އަގުގައި ކުޅޭ ފިލްމް،" ފިލްމަށް އެއްބަސްވި އަގުގެ ތަފުސީލަކަށް ނުގޮސް ޒުވާން ބަތަލާ ބުންޏެވެ. "މިއީ ކުރިން ސޮއިކުރި ފިލްމްތަކަށް އަޅާކިޔައިފި ނަމަ މާ ބޮޑަށް ވެސް އަގު ބޮޑު ފިލްމެއް."
އައްޒަ އަށް ބޮޑު އަގެއް ދޭކަށް އެއްވެސް ޕްރޮޑިއުސަރަކު މިހާރު ޖެހިލުމެއް ވާނެ ހެނެއް ހިއެއް ނުވެ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި "4426" ގައި އޭނާ ދައްކުވައި ދިން ހުނަރާ އެކު، ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އައްޒައަކީ ފިލްމީ ދާއިރާގައި މި ވަގުތު ހުރި އެންމެ އުންމީދީ ބަތަލާ އެވެ. އެންމެ ގިނަ ހުށަހެޅުންތައް ލިބޭ ބަތަލާ އެވެ.
މާނައަކީ މި ދާއިރާގައި މިހާރު ހުރި އެންމެ ޑިމާންޑް ބޮޑު ބަތަލާއަކީ އައްޒަކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ތިބީ އޭނާގެ ސޮއި ހޯދަން މިހާރު ވެސް ކިޔޫގަ އެވެ.
ފިލްމް "ހައްދު" ގެ ޕޯސްޓަރެއްގައި ފިލްމްގެ ލީޑް ތިން ތަރިން.
އައްޒަ ބުނީ "ހައްދު" އަށް އެހާ ބޮޑު އަގެއް ކިޔަން ޖެހުނު މައިގަނޑު އެއް ސަބަބަކީ މި ފިލްމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބުރަވެފައި، އެއަށް ދޭން ޖެހޭ ވަގުތު ވެސް ގިނަކަމުން ކަމަށެވެ.
އަދި މިއީ މާލޭން ބޭރުގައި ބޮޑު ބައި ޝޫޓް ކުރަން ޖެހޭ ފިލްމެއްކަން އޭނާ ފާހަގަކުރި އެވެ.
"އަސްލު ވަރަށް ކެރެކްޓާ ރޯލެއް ހައްދުން ލިބިފައި އިނީ. ފުދޭ ވަރަކަށް އެއަށް ތައްޔާރު ވެސް ވާން ޖެހޭ އަދި އެއަށް ވަރަށް ގިނަ ޓައިމާއި މަސައްކަތް ކުރަން ޖެހޭ ފިލްމެއް މިއީ. ވަރަށް އުނދަގޫ ރޯލެއް ކުޅެން މި ޖެހެނީ މީގައި،" އޭނާ ބުންޏެވެ. "އެހެންވެ މިވަރުގެ ރޯލަކަށް އެއްބަސްވީމަ ފިލްމުގެ ޕްރޮޑިއުސަރުން ވެސް އަހަންނަށް ބޮޑު އަގެއް ދޭކަށް ޖެހިލުމެއް ނުވި. އެ މީހުން ވަރަށް ހެޕީ. ހަމައެއާ އެކު ފައްތާހުގެ ޕްރޮޖެކްޓަކުން ފުރުސަތު ލިބުނީމަ މޯ ދޭން ހެޕީއޭ ބުނެވޭނީ."
"ހައްދު" އަކީ ފައްތާހާއި ބަތަލާ ނިއުމާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފައްތާހު ވަނީ އައްޒަ އަށް ބޮޑު އަގެއް ދިން ކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އޭނާ ބުނީ އެ ވާހަކަ ދައްކާނީ ތަންކޮޅެއް ފަހުން ކަމަށެވެ.
"ރޯލާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި ތަންކޮޅެއް އަވަސް. އެކަމަކު ބެލުންތެރިންނަށް ދެވިދާނެ ޔަގީން ކަމެއް އެއީ މިހާތަނަށް ދިވެހި ފިލްމަކުން ބަތަލާއަކު ފެންނާނެ އެންމެ ތަފާތު އެއް ރޯލަށް މި ރޯލް ވާނެ،" ކާމިޔާބު ޑްރާމާތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "މީގައި އަހަރެން ކުޅޭ ރޯލުން ވަރަށް ބޮޑު ތަފާތެއް ފެންނާނެ. މެކްސިމް ހަމަ ގައިމު ވެސް ދޭނަން."
"ހައްދު" ގެ ލޯންޗިންގެ ތެރެއިން އައްޒަ އެ ފިލްމުގެ ބަތަލު ޝިބާން (މ) އާ އެކު.
އައްޒަ އެ ބުނާ ވާހަކައިގެ ހަގީގަތެއް ބެލުންތެރިންނަށް ޔަގީންވާނީ ސެޕްޓެމްބަރު 6 ގައި "ހައްދު" ސިނަމާ އައުމުންނެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ދެން ސިނަމާ އަށް އަންނާނީ އެޕްރީލް 5 ގައި ރިލީޒް ކުރާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އެވެ.
"އެ ފިލްމުގައި ކުޅުނު ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ޔަގީނުން ވެސް މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ. ޑާކް ރެއިނާ އެއްކޮށް މަސައްކަތްކޮށް ބޭނުންވެފައި ހުއްޓައި މި ފުރުސަތު ލިބުމުން ވަރަށް އުފަލުން މި ހުންނަނީ،" އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން އައްޒަ ބުންޏެވެ.
"ހައްދު" އާއި "މީ ލޯތްބަކީ" އާ ހިސާބުން އަދި އައްޒަގެ ފިލްމުތަކުގެ ވާހަކައެއް ނުނިމެ އެވެ.
"މީ ލޯތްބަކީ" ގެ ޕޯސްޓަރެއްގައި ޖުމަލް އާއި އައްޒަ
މާލޭން ބޭރުގައި ޝޫޓް ކުރާ ފިލްމަކަށް ވެސް އޭނާ މިހާރު އަންނަނީ ފުރަން ތައްޔާރުވަމުންނެވެ. އެ ފިލްމަކީ އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް، ޔޫސު ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ "ނޯޓީ 40" ކިޔާ ފިލްމެކެވެ.
"އެ ފިލްމަށް ތައްޔާރުވަމުން މި އަންނަނީ،" އައްޒަ ބުންޏެވެ. "އެންމެ އަވަހަށް ދެން ޝޫޓިން ފަށާނެ ފިލްމަކީ އެއީ."
މި ފިލްމުގެ މަސައްކަތަށް ފަހު ދެން އޭނާ ފަށާނީ ފާތުމަތު ނަހުލާ ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތެވެ. މި ފިލްމުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ނަހުލާ މިހާރު އަންނަނީވަމުންނެވެ.
"ނަހޫއާ އެކު ފިލްމެއް ތަޖުރިބާ ކުރާ ދެވަނަ ފަހަރު މިއީ. ވަރަށް އެގްޒައިޓްވެފައި މި ހުންނަނީ. ނަހޫއަކީ އަހަރެން އެންމެ އިތުބާރު ކުރާ އެކަކު. ފޯފޯޓޫސިކްސް ކަހަލަ ފިލްމަކުން އަހަންނަށް ނަހޫ ފުރުސަތު ދިނީ ވެސް ވަރަށް އިތުބާރުކޮށްފައި،" ބަތަލާ ރިޝްމީ ރަމީޒްގެ ކޮއްކޮ ބުންޏެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާ އިރު އައްޒަގެ ތަށި މިހާރު ވެސް އޮތީ ފުލްކޮށެވެ. އޭނާ ވަރަށް ބިޒީ އެވެ.
އެކަމަކު އެވަރަކުން ވެސް އަދި ނުނިމެ އެވެ. އައިސް ޓީވީ އަންނަ މަހު ދައްކަން ފަށާ ސެލެބްރިޓީ ޓޯކް ޝޯ "އަޒޯނާ" ގެ ހޯސްޓަކީ ވެސް އައްޒަ އެވެ.
"އޭގެ ހަ އެޕިސޯޑް މިހާރު ރެކޯޑްކޮށް ނިންމާލައިފިން،" މަޝްހޫރު ވިޔަފާރި ކުންފުނި ޕިރަމިޑްގެ ބްރޭންޑް އެމްބެސެޑަރުކަން ވެސް ކުރާ ބަތަލާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ