މިމަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ އިދިކޮޅު އެމްޑީޕީ ގުޅިގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެން ހައްޔަރުކުރި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.
ހައި ކޯޓުން މިއަދު ވަނީ އިމްރާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގެ ބައެއް ބާތިލްކޮށްފައެވެ. ހައި ކޯޓުން ބާތިލް ކޮށްފައިވަނީ ހޯމް މިނިސްޓްރީން ކަނޑައަޅައި ތަނެއްގައި އިމްރާން ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރެވެ.
އިމްރާން އަބްދުﷲ ފުލުހުންގެ ބަންދުގައި ބަހައްޓަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އެންމެ ފަހުން ދީފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ދިން މުއްދަތު މިއަދު ހަމަވާނެއެވެ.
އެނގިފައިވާ ގޮތުގައި އިމްރާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށްޓަކައި މިއަދު މެންދުރުފަހު އަނެއްކާވެސް ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެއެވެ.
އިމްރާން ހައްޔަރުކޮށްފައިވަނީ މެއި އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްކޮށް އޮވެ މާލޭގައި ބޭއްވި މުޒާހަރާގައި ހިނގައިދިޔަ ކަންކަމުގެ ޒިންމާވާ ފަރާތެއް ކަމުގައިވާ ކަމަށް ފުލުހުންނަށް ގަބޫލުކުރެވިގެންނެވެ.
އިމްރާންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިނީ 15 ދުވަހެވެ. މެއި މަހުގެ ދެވަނަ ދުވަހު އިމްރާންގެ ބަންދަށް 15 ދުވަސް ޖެހިއިރު 15 ދުވަހުގެ މުއްދަތަށް ހައި ކޯޓުން ކުރިން ވަނީ ތާއީދުކޮށްފައެވެ.
މުޒާހަރާއާއި ގުޅިގެން އިމްރާނާއި އެކު އެމްޑީޕީގެ ވެއާޕަރސަން އަލީ ވަހީދާއި، ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިހާރު އަލީ ވަހީދާއި އަމީން ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
އަލީ ވަހީދު ދޫކޮށްލާފައި ވާއިރު، މެއި މަހުގެ 17 ވަނަ ދުވަހު އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 7 ދުވަސް އިތުރު ކުރި އިރު، ހައި ކޯޓުން ވަނީ އެ އަމުރު ބާތިލް ކޮށްފައެވެ.
އިމްރާން ގޭބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ