11 ގެ ފަހުން އަޑުގަދަކުރާ ބޭނުންކުރުން ހުއްޓުވަން އުމަރު އެންގި އެންގުން އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި  ބާއްވަމުންގެންދާ ހިނގާލުމުގައި ބޭނުންކުރަމުންދާ ސްޕީކަރުތަކުގެ އަޑު، ރޭގަނޑު 11 ޖަހާއިރު ކަނޑައިލުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އެންގެވުމުން އެކަން އެމްޑީޕީ އިން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޢުމަރު ނަޞީރު ޤާނޫނާ ޚިލާފަށް ފުލުހުންނަށް އަމުރުކުރައްވައި، އެއްވެއުޅުމުގެ މިނިވަންކަން ޤާނޫނާ ޚިލާފަށް ހަނިކުރެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާތީ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.
"އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ގޮތުން ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ލިބިގެންވާ އެންމެ ވަރުގަދަ ވަސީލަތްކަމަށް ވީހިނދު، އަދި ރާއްޖޭގެ ޤާނޫނު އަސާސީން ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ މުޙިއްމު ވަސީލަތެއް ކަމަށްވީހިނދު، އެ ވަސީލަތް ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ބޭނުންކުރާ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ސަރުކާރުން އެ ޙައްޤު ތަކުރާރުކޮށް ހަނިކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ "މިކަން މިގޮތަށް ދިމާވެފައި މިވަނީ ޑިމޮކްރެޓިކް ވެލިޔޫސް ތަކެއްގެ މައްޗަށް އެކުލެވޭ ޤާނޫނު އަސާސީއެއް މާނަކޮށް އަދި ތަންފީޒުކުރުމަށް ޚުދުމުޚުތާރު އަތްތަކެއްގެ މައްޗަށް ދިއުމުގެ ނަތީޖާ" ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކޮންމެ މުޒާހަރާއަކަށް ނުވަތަ އިޙްތިޖާޖަކަށް މި ސަރުކާރުގެ އެންގުމުގެ މަތިން ފުލުހުންދަނީ ތަކުރާރުކޮށް އިންޒާރުދީ އަދި ބިރުދައްކައި، އެއްވެ އުޅުމުގެ ޙައްޤާއި ޚިޔާލުފާޅުކުރުމުގެ ޙައްޤު ނިގުޅައިގަންނަމުންކަންކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
"އަދި އެފަދަ އެއްވުންތަކުގެ ބައިވެރިން ޤާނޫނާ ޚިލާފަށް ހައްޔަރުކުރަމުންދާއިރު، އެ އެއްވުންތަކަށް ފާޅުގައި ހަމަލާދީ ތަކެތި ހަލާކުކުރަމުންދާ އެއްވެސް ފަރާތެއް ހައްޔަރުކޮށް ފިޔަވަޅުއަޅަމުން ނުދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ "އަދި މިކަން މިހެން އޮތްއިރު، މި ސަރުކާރުން ބޭނުންނުވާ ފަރާތަކަށް ﷲ ގެ ޙަޟުރަތުގައި ހެޔޮދުޢާ ކުރުމަށް މިސްކިތްތަކުގެ ބޭނުން ހިފުން ވެސް އެއީ މަނާކަމެއްކަމުގައި ދާދިފަހުން ދާޚިލީ ވަޒީރު ޢުމަރު ނަޞީރު ވަނީ ހައްދަވާފައިކަން ފާހަގަކުރަމެވެ."
އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިފާޢުކުރުމުގައި އެމްޑީޕީން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ