ހުޅުމީދޫގައި ތިން ސްކޫލުގެ ބަދަލުގައި އެއް ސްކޫލް ހުރުން މާ ރަނގަޅު: ޑެޕިއުޓީ މޭޔަރު

ސ. ހުޅުމީދޫގައި މަދު އަދަދެއްގެ ދަރިވަރުންތަކެއް ކިޔަވާ ތިން ސްކޫލެއް ހުރުމުގެ ބަދަލުގައި ގިނަ އަދަދެއްގެ ކުދިން ކިޔަވާ އެއް ސްކޫލު އެ ރަށުގައި ހުރުން މާ ރަނގަޅުވާނެ ކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ވިދާޅުވީ ހުޅުމީދޫގައި 11- 12 އަށް ކިޔެވޭނެ ފުރުސަތު ލިބުމަކީ ރަށުގެ ރައްޔިތުންނާއި ދަރިވަރުން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެކަން ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނެ މިކަން ރައީސް ނަޝީދަށް ވެސް ދަންނަވާފައި. އަދި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި،" އޭނާ ވިދާޅުވި އެވެ. "ކައިރި މުސްތަގުބަލެއްގައި މިކަން ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ."
ޝާހިދު ވިދާޅުވީ ހުޅުމޫދީގައި ކިޔަވާ ދަރިވަރުން އަދަދު މަދު ތިން ސްކޫލެއް ހިންގުމުގެ ބަދަލުގައި ގިނަ އަދަދެއްގެ ކުދިން ކިޔަވާ އެއް ސްކޫލު ހުރުން މާ ބޮޑަށް ވެސް ރަނގަޅު ވާނެ ކަމަށެވެ. އަދި މިއީ ބެލެނިވެރިން ވެސް ވަރަށް ބޮޑަށް ތާއިދުކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އަމާޒަކީ ތިން ސްކޫލް ހިންގުމުގެ ބަދަލުގައި ގިނަ ފުރުސަތުތަކެއް ފަހިވެފައި އޮންނަ މަތީ ސާނަވީއާ ހަމައަށް ކިޔަވައި ދޭ އެއް ސްކޫލް ހުޅުމީދޫގައި ހިންގުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މަދު އަދަދެއްގެ ދަރިވަރުންތަކެއް ކިޔަވާ ތިން ސްކޫލް ހިންގުމުގެ ބަދަލުގައި މި ރަށުގައި ގިނަ ދަރިވަރުންތަކެއް ކިޔަވާ އަދި ގިނަ ފުރުސަތުތަކެއް ފަހިވެފައި އޮންނަ އެއް ސްކޫލު ހިންގުން ހުރިހާ ގޮތަކުން ބަލާ އިރު ވެސް މާ ރަނގަޅު. މިކަމަށް ބެލެނިވެރިން އަބަދުވެސް ވަރަށް ބޮޑަށް ތާއިދުކުރޭ. އަދި މިކަން ވާން ރައްޔިތުން ތިބީ ވެސް ވަރަށް ބޮޑަށް އުންމީދުކޮށްގެން. މަތީ ސާނަވީ އަށް ހަގީގަތުގައި ފުރުސަތު ހުޅުވެން އޮތީ އެކަހަލަ ގޮތަކަށް މިކަން ކުރެވިގެން،" ޝާހިދު ވިދާޅުވި އެވެ. "އެހެންނަމަވެސް ސްކޫލްތަކުގެ އިސް ވެރިންގެ މެދުގައި މިކަމާ ހިޔާލު ތަފާތުވުންތަކެއް އެބަހުރި. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް މުހިއްމު ކަމެއް."
ހުޅުމީދޫގައި ހުރި ތިން ސްކޫލުގެ ތެރެއިން ސާނަވީ ފެންވަރަށް ކިޔަވައި ދެމުން އަންނަ ސ އަތޮޅު މަދުރަސާ ހިންގެވުމާ ހަވާލުވެ ހުންނެވި އައިމިނަތު ޒީނިޔާ ވިދާޅުވީ އެ ސްކޫލުގައި 11- 12 އުފެއްދުމަކީ ބެލެނިވެރިން އަބަދުވެސް އެދެމުން އަންނަ ކަމެއް ކަމަށެވެ.
"ބެލެނިވެރިން ހާއްސަކޮށް ޕީޓީއޭގެ ފަރާތުން މިކަމާ ބެހޭ ގޮތުން ވަރަށް ބޮޑަށް އެ ވާހަކަދެކެވޭ. އެހެންނަމަވެސް އުސޫލަށް ބަލާ އިރު މި ސްކޫލުގައި އަދި ނެތް މަތީ ސާނަވީ އުފެއްދޭ ވަރަށް ކުދިންނެއް ވެސް،" 190 ދަރިވަރުން މިވަގުތު ކިޔަވަމުން އަންނަ ސްކޫލާ ބެހޭ ގޮތުން ޒީނިޔާ ވިދާޅުވި އެވެ. "ތިން ސްކޫލް ހުރެފައި ދަރިވަރުން ތިން ތަނަކަށް ބެހިގެން ދިއުމުން ކޮންމެ ސްކޫލެއްގައި ވެސް ވަރަށް މަދު އަދަދެއްގެ ކުދިންތަކެއް މި ތިބެނީ. އެހެންވީމާ ވެސް ކުރިއަށް ހުންނަ ފުރުސަތުތަކެއް ހުރަސް އެޅޭ ގޮތް އެބަވޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ