ތަސްމީން ފެކްޝަނުން ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ ބާއްވާތީ މައުމޫން ފެކްޝަންގެ ޖަލްސާ ހުކުރުދުވަހަށް

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފެކްޝަނުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާންމު ޖަލްސާއެއް މާލޭގައި ބާއްވާތީ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން އެ ރޭ ބާއްވަން ނިންމި ޖަލްސާ ޖެހިގެން އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.
މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިރޭ ވިދާޅުވީ ސުނާމީ ބިނާ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ ބާއްވާނެކަން މިދިޔަ ހަފުތާގައި އެ ފެކްޝަނުން ބޭއްވި ޖަލްސާގައި އިއުލާން ވެސް ކޮށްފައިވާނެ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފަހުން އެނގުނީ ތަސްމީން ޖަލްސާއެއް ބާއްވާކަން. އެހެންވެ އަޅުގަނޑުމެންގެ ޖަލްސާ އާއި އެ ޖަލްސާ އެއް ރެއެއްގައި ބާއްވައިފި ނަމަ މަސްލަހަތު ގެއްލިދާނެތީ އަޅުގަނޑުމެން ނިންމީ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ނުބާއްވަން. އަޅުގަނޑުމެންގެ ޖަލްސާ ކެންސަލް ކުރިއިރު ވަރަށް ގިނަ ފަރާތްތަކަށް ވާނީ އެސްއެމްއެސް ވެސް ފޮނުވާފައި،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބުރާސްފަތިދުވަހުގެ ރޭ ބާއްވަނީ މައުމޫން ފެކްޝަންގެ ޖަލްސާއެއް ނޫން ކަމަށާއި އެހެންވެ އެމަނިކުފާނަށް ތާއީދުކުރާ މީހުން އެ ޖަލްސާ އަށް ނުދިއުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ޒައީމަށް އަމާޒުކޮށް އެ ބައްދަލުވުމުގައި ވާހަކަތައް ދައްކާނެ ކަމަށް އަޅުގަނޑުމެންނަށް ފެނޭ. އެހެންވީމަ އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ އެއީ އަޅުގަނޑުމެންގެ ބައްދަލުވުމެއް ނޫނޭ. އަޅުގަނޑުމެންގެ ބައްދަލުވުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ސުނާމީ ބިނާ ސަރަހައްދުގައި،" މައުމޫންގެ ތަރުޖަމާން ވިދާޅުވި އެވެ.
ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިރޭ ވިދާޅުވީ އެ ޕާޓީގެ އާންމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނީ ކަލާފާނު ސްކޫލުގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި "އާ މޫނުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް" ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
"މިއީ ޑީއާރުޕީގެ އާންމު ޖަލްސާއެއް. އެހެންވީމަ ވީހާ ގިނަ މެމްބަރުން ބައްދަލުވުމަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވި އެވެ.
މިއީ ތަސްމީނާއި މައުމޫނާ ދެމެދު އުފެދުނު ކޯޅުން ހޫނުވެ އަދި ތަސްމީނަށް މައުމޫން ދެއްވި ތާއީދު އަނބުރާ ގެންދެވި ފަހުން ތަސްމީން ފެކްޝަނުން މާލޭގައި ބާއްވާ ފުރަތަމަ އާންމު ޖަލްސާ އެވެ.
ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެ ބޭފުޅުން ބާއްވަނީ "ޒައީމްއާ ދިމާކުރުމުގެ ޖަލްސާއެއް ނޫން" ކަމަށެވެ.
"މިއީ އެއްވެސް ފެކްޝަނެއްގެ ޖަލްސާއެއް ވެސް ނޫން. މިއީ ޒައީމްއާ ދިމާކުރުމުގެ ޖަލްސާއެއް ވެސް ނޫން. އަޅުގަނޑުމެންގެ ޖަލްސާގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން. މާރާމާރީތަކާއި ލޯކަލް ކައުންސިލްތަކަށް ދިމާވާ ދަތިތަކާއި ޑޮލަރުގެ މައްސަލަތައް މި މުޖުތަމައުގައި އެބަހުރި. އެ ވާހަކަތަކަށް އަޅުގަނޑުމެން ފޯކަސް ކުރާނީ. އަޅުގަނޑުމެން މި ޖަލްސާގައި ޒައީމްގެ އެއްވެސް ވާހަކައެއް ނުދައްކާނަން،" ރޮޒެއިނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ