ރިއާސީ އިންތިހާބާ ދިމާކޮށް ބުޝްއާ ބައްދަލުކުރެއްވުމަށް މައުމޫން ހުށަހެޅުއްވި: ވިކިލީކްސް

ރާއްޖޭގައި 2003 ގައި އޮތް ރިއާސީ އިންތިހާބުގައި ވާދަކުރައްވަން ގަސްދުކުރައްވަން ގަސްދުކުރައްވާތީ އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއާ ބައްދަލުކުރެއްވުން މުހިންމު ކަމަށް ވިދާޅުވެ އެކަން އެމެރިކާ ސަރުކާރަށް ހުށަހެޅުއްވިކަން ވިކިލީކްސް އިން އާންމުކުރި އެމެރިކާ ސަރުކާރުގެ ސިއްރު ޑޮކިއުމަންޓަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ ހާރިޖިއްޔާގެ ސިއްރު ލިޔުންތައް ހާމަކުރަމުން ގެންދާ ވިކިލީކްސް އިން ހޯދާފައިވާ ދެ ލައްކަ އަށް ވުރެ ގިނަ ޑޮކިއުމަންޓް މިދިޔަ ހުކުރުދުވަހު އެއްފަހަރާ އާންމުކޮށްފައި ވާއިރު، ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީން 2002 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ ޑިސެމްބަރު 16- ،17 2002 އަށް ރާއްޖެ އަށް ޒިޔާރަތްކުރި އެމެރިކާގެ ވަފުދަކާ އެކު އޭރު ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ހުންނެވި ޑރ. އަހްމަދު ޝަހީދު ބޭއްވެވި ބައްދަލުވުމެއްގައި އޭރުގެ ރައީސް މައުމޫން އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއާ 2003 ވަނަ އަހަރު ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި ރާއްޖެ ބައިވެރިކުރުމާ ބެހޭ ގޮތުން ބޭއްވި އެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވި ކަމަށް ވަނީ 1965 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން ރާއްޖެ އަށް މިނިވަންކަން ލިބުނު ފަހުން ރާއްޖޭގެ ރައީސަކަށް އެމެރިކާގެ ރައީސްއަކާ ބައްދަލުވުމުގެ ޝަރަފު ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އަދި މައުމޫން ވެރިކަމުގައި 25 އަހަރު ހޭދަކުރެއްވި އިރު އެމެރިކާގެ ރައީސަކާ ބައްދަލުކުރެއްވުމަކީ ވަރަށް ބޮޑު ޝަރަފަކަށް ވާނެ ކަމަށް ވެސް ޑރ. ޝަހީދާ ހަވާލާދީ ލިޔުމުގައިވެ އެވެ. އެހެންކަމުން ބުޝްއާ އެކު ވަރަށް ކުރު ބައްދަލުވުމެއް ވެސް ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އަލުން އިންތިހާބުވުމަށް މަސައްކަތްކުރައްވާއިރު މައުމޫން ޔޫރަޕަށް ކުރައްވާ ދަތުރެއްގައި އިނގިރޭސި ވިލާތުގެ އޭރުގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ފްރާންސްގެ ރައީސް ޝިރާކާ ބައްދަލުކުރެއްވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށާއި އެކަމަކު ބުޝް އަކީ ބައްދަލުކުރައްވަން މުހިންމު ބޭފުޅެއް ކަމަށް ޝަހީދު ވިދާޅުވި ކަމަށްވެ އެވެ. އެމެރިކާގެ ވަފުދުން ވަނީ މިކަމާ މެދު ނިންމާ ގޮތެއް ފަހުން އަންގާނެ ކަމަށް ބުނެފަ އެވެ.
ސަރުކާރުގެ ހުށަހެޅުމާ ގުޅިގެން އެފަދަ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންނަށް ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީން ލަފާ ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ